މިސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި އެ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ނާޒިލް ވަނީ އެކި ދާއިރާތަކަށް ވަކިވަކިން އަލިއަޅުވާލާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު މަޖިލިސް އިންތިހާބަށް ވެސް ވަރަށް ގިނަ ވައުދުތަކެއްވެފައިވާ ކަމަށާއި ނަމަވެސް މިދިޔަ ތިން އަހަރުގެ ތެރޭގައި ވެސް ވައުދުތައް ފުއްދެމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީދެން މިހާރު ބޮޑު އަރަތަކަށް ވެފައި މި އޮންނަނީ. އިހްލާސްތެރިކަމާއެކު ކަންކަން ކޮށްދޭން ބޭނުންވާނަމަ އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރަނީ. ކަންކަން ކުރެވޭ ތަން އެބަފެނޭ. ނުކުރެވޭތީ ނުކުރެވޭ ވާހަކަވެސް މި ދައްކަނީ
މެމްބަރު ނާޒިލް

ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ދާިއރާއިން އައްޑޫ ސިޓީ އޮތީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި ބޮޑު ދެރިސޯޓް ކަމަށްވާ ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓު ނުހުޅުވި ފަތުރުވެރިން ރާއްޖެ އައިސް ބަންޑުންވާއިރު އެތަނުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް ކަމަށް ނާޒިލް ވިދާޅުވި އެވެ.

"އެ ދެ ރަށަކީ މިހާރު އައިންމަތީ ދޫނި ނިދަންއަރާ ރަށަކަށް ވެއްޖެ. ރައްޔިތުން ދުވާލަކު ދެފަހަރު އެބައަހާ މިހާލަތުން އަރައިގަނެވޭނީ ކޮންއިރަކުތޯ؟ ވާކަމެއް އެއްކަމެއް ވެސް ނެތް. އަދި ވާނެ ކަމުގެ ޔަގީން ކަމެއްވެސް އޮތީކީ ނޫން،" ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ވިދާޅުވި އެވެ.

ބަޖެޓު ކިތަންމެހާ ވެސް ބޮޑު ކަމަށާއި ނަމަވެސް މިއަހަރުގެ ބަޖެޓްގައި އައްޑޫ ބްރިޖްގެ ފީސިބިލިޓީ ސްޓަޑީއަށް ލާރިކޮޅެއް ޖަހާދޭށޭ ބުނީމާ އެކަމެއް ވެސް ނުވި ކަމަށް ނާޒިލް ވިދާޅުވި އެވެ.

ހަމަ ވޯޓެއް އަންނަންވާއިރަށް ވަރަށް ބާރުލާފަ ފަށައިގަންނާނީވެސް އައްޑޫން ނިންމާލާނީވެސް އައްޑޫން
މެމްބަރު ނާޒިލް

މަސްވެރިކަން

2019ވަނަ އަހަރު މަޖިލިސް އިންތިހާބަށް ވަރަށް ބާރުލާފައި ހަމަ އަގުގެ ވާހަކައާއި އިތުރާއި ދެކުނުގެ ސްޓޯރޭޖް ބޮޑުކުރާ ވާހަކައާއި މިފަދަ އެތައް ވާހަކަތަކެއް ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ހިމެނޭ އިގްތިސާދީ ކޮމިޓީން މި ވާހަކަތައް ވަރަށް ފުޅާކޮށް ދެއްކިން 2021 ވަނަ އަހަރު ނިމެންވާއިރަށް ސްޓޯރޭޖްތައް ބޮޑުވެ ހަމައަގު ލިބޭނެ ކަމަށް އަކުރުން އަކުރަށް ލިޔެ ޑޭޓްތަކެއް ޖަހައިގެން މި މަސައްކަތް ކުރީ. އެހެން ނަމަވެސް ވީ އެއްވެސް ކަމެއް ނެތް. ކޮވިޑާއެކީގައި ވެސް ސްޓޯރޭޖްތަކަށް ވީ ފައިނޭންސްއާ އެއްޗެހި ހަމަޖެހުނު ވާހަަކަ އަޅުގަނޑުމެންނާ ހަމައަށް އައި. އެކަމަކު ސްޓޯރޭޖެއް ބޮޑެއް ނުވޭ،" މަސްވެރިކަމަށް ވީ ވައުދުތައް ނުފުއްދޭކަމުގެ ތަފްސީލް ހާމަކޮށްދެއްވަމުން ނާޒިލް ވިދާޅުވި އެވެ.

މިވާހަކަހަމަ ދައްކާލާފަ ބަޖެޓް ފާސްކޮށްލާފައި އަތްޖަހާލަން އަލުގަޑުމެން ތިބެންވީތޯ؟ މަސްވެރިން ކުރާ ސުވާލެއް މިއީ
މެމްބަރު ނާޒިލް

ބިންހިއްކުން

ނާޒިލް ވިދާޅުވީ އައްޑޫގެ ބިންހިއްކުމުގެ ވާހަކައަކީ މިހާރު ބޮޑު ޖޯކެއް ކަމަށެވެ. އަދި 2019 އަހަރު މަޖިލިސް އިންތިހާބަށް ފަހު އައްޑޫގެ ހަތް މެމްބަރުން ހައުސިން މިނިސްޓަރާ ބައްދަލުކުރި ކަމަށާއި ރާއްޖޭގައި އެންމެ ފުރަތަމަ ބިމެއް ހިއްކާނަމަ ހިއްކާނީ އައްޑޫގެ ބިން ކަމަށް ވިދާޅުވި ކަމަށެވެ.

"އެންމެ ފުރަތަމަ ބިމެއް ހިއްކާނަމަ އައްޑޫގެ ބިން ހިއްކާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިތާ ގިނަ ދުވަސްތަކެއް ނުވެ މިތާ މާލެ ކައިރިން ބޮޑު ކަނޑެއް ހިއްކައިފި. އަނެއްކާ ޖެހިގެން އައިއަހަރުގެ ބަޖެޓަށް ވެސް އައީ. އަހަރު ވެސް ނިމި ހިނގައްޖެ. މިއަހަރު ވެސް މި ނިމެނީ. މިކަމެއް ވެސް ވާނެ ކަމުގެ ޔަގީންކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ކޮންޓްރެކްޓަރު ހުށައެޅި އަގު ބޮޑުވެގެން އެކަން ނުކުރެވޭނެ ކަމަށް ބުނެފައިވާކަން އެނގިފައިވާ ކަމަށާއި އެހެން ކޮންޓްރެކްޓަރަކު ހޯދަން އޮންނަ އުސޫލުގެ ތެރެއިން ހަމަސް ދުވަސް ނަގާނެ ކަމަށެވެ.

މަގުހެދުން

ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ކަމަކަށް ރައްޔިތުން އެދި އެދި ތިބީ މަގުހެދުމަށް ކަމަށް ނާޒިލް ވިދާޅުވި އެވެ. ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ މަގުތައް ހާއްސަކޮށް ހިތަދޫގެ މަގުތައް އޮތީ ހަތަރު ފުރޮޅުލީ އެއްޗެއް ދުއްވައިފިއްޔާ އޭގެ ދެ ފުރޮޅު އަޑިއަށްދާ ހާލަތުގައި ކަމަށެވެ.

އޭނާ އެންމެ ފަހުން އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ދުއްވި ދިޔަ ކާރު އޭގެ ވަޅުގަނޑަކަށް ވެއްޓި ފުރޮޅު ތާށިވެގެން މަގުމެދަށް ހުއްޓުނު ކަމަށް ވެސް ވިދާޅުވި އެވެ.

"މަގުހަދަނީ ހަދަނީ ހަދަނީ ކިޔާތާ ތިން ހަތަރު އަހަރު ވެއްޖެ. އަދިއެއް އެކަމެއް ނުހިނގާ، " ނާޒިލް ވިދާޅުވި އެވެ.

ހިތަދޫގެ މަގެއްގައި ވެހިކަލެއް ގަނބައިގަނެ އަރިއަޅާލާފައި

ހިތަދޫއަކީ މާލެ ފިޔަވާ އާބާދީގެ ގޮތުން އެންމެ ބޮޑު އެއް ރަށް ކަމަށާއި ހިތަދޫގެ މަގުތަކުގެ ހާލަތު ވަރަށް ދެރަކަން ނާޒިލް ފާހަގަކުރެއްވި އެވެ.

ތައުލީމާއި ސިއްހަތު އަދި ބޯހިޔާވަހިކަން

ނާޒިލް ވިދާޅުވީ އޭނާގެ ދާއިރާގައި ހުންނަ ސްކޫލަކީ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ އެންމެ އެއް ސްކޫލް ކަމަށާއި އެ ސްކޫލްގައި 18 ކްލާސްރޫމް ތަރައްގީ ކުރުމުގެ ވާހަކަ ދައްކާތާ ލައްކަ ދުވަސް ވެއްޖެ ކަމަށެވެ.

"ނަސީބަކުން ކަންނޭނގެ ފައުންޑޭޝަން މިހާރު އަޅަން ފަށާއިފި އިހަށް ދުވަހު. އޭގެ ފަހުން އެންމެ ގާފޮޅެއް ވެސް އެތާ ބޭއްވުނު ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ޓާޝަރީ ހޮސްޕިޓަލެއް އެބަހުރި ކަމަށާއި އަދި އެތަނުގައި ވަސީލަތްތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް މީހުން ނުލިބޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ކޮންމެ ފަހަރަކު ޑޮކްޓަރަކު ބޭނުންވީމާ ފިނޭންސް މިނިސްޓަރ އަރިހު ސަލާންޖަހައިގެން މިކަން ކުރަންޖެހޭ ހާލަތުގައި ތަން ހިންގަން ހުން މީހަކަށްވެސް މިކަން ނުކުރެވޭނެ.
މެމްބަރު ނާޒިލް

ހިތަދުއަކީ މާލެއަށްފަހު އެންމެ ގިނަ އާބާދީ އެއް ދިރުއުޅޭ ރަށް ކަމަށާއި އެންމެ ފަހުން ރަށުން ގޯތި ދިންތާ 19 އަހަރު ވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލައަށް ގެދޮރު އަޅަން ބޭނުންވާ މީހާއަށް ބިމެއް ނުލިބޭ. 33 ފްލެޓަށް 1200 މީހުން ކުރިމަތިލީމާ ބޯހިޔާވަހި ކަމަށް ރައްޔިތުން ބޭނުންވާ މިންވަރު އެބަ އެނގޭ،" ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމަށް ކަނޑައަޅާފައވާ ބަޖެޓުގެ ތެެރެއިން އައްޑޫގެ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކުނިމެނޭޖްކުރުމާއި ނަރުދަމާއާއި ބަނދަރު

ކުނިމެނޭޖް ކުރުމުގެ ޕްރޮޖެކްޓްގައި 2019 ވަނަ އަހަރު ސޮއި ކުރެވިއްޖެ ކަމަށާއި މިހާރު ކޮންޓްރެކްޓަރު ދިޔަ ވާހަކަ އެބަ އަޑު އިވޭ ކަމަށާއި އެކަމުގައި ވެސް މާބޮޑު މަސައްކަތެއް ނުކުރެވޭ ކަން ނާޒިލް ފާހަގަކުރެއްވި އެވެ.

ކަރަންޓުގެ ހާލަތުގެ ވާހަކައަށް އަލިއަޅުވާލައްވަމުން ނާޒިލް ވިދާޅުވީ އިންޖީނުގެއަށް ދާ ކޮންމެ ފަހަރަކު އެތަނުގެ މެނޭޖަރު ދައްކަނީ ބިރުން ފިތްކަނޑައިގެންދާ ފަދަ ވާކަތަކެއް ކަމަށެވެ.

"ހައިވޯލްޓޭޖް ކޭބަލްވިޔަސް ލޯ ވޯލްޓޭޖް ކޭބަލްވިޔަސް ނެޓްވޯކް އެއްކޮށް އެއޮތީ ހަލާކުވެ ސުންނާފަތިވެފައި،" އެއާއެކު އަޑުއިވެމުންދަނީ މާދަމާ ވެސް ކަނު އަނދިރީގައި ތިބެންޖެހިދާނެ ވާހަކަތައް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.

ނަރުދަމާގެ ވާހަކައަކީ ޒަމާންތަކެއް ވެއްޖެ ވާހަކަތަކެއް ކަމަށާއި އެވާހަކަ މިއަދު ދެއްކުމުން މާދަމާ ދެތިން ގެއަށް ގުޅާލާފައި އަނެއް ދުވަހު އަނެއްކާ ވެސް ހުއްޓާލާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ބަނދަރުގެ ވާހަކައަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި ހިތަދޫގައި އޮންނަނީ ތޮއްޓެއް ކަމަށް ނާޒިލް ވިދާޅުވި އެވެ.

"މިހާރު ބަނދަރު ހަދަން ފަށައިގެން އެ އުޅެނީ ނަމަވެސް އެކަންވެސް އޮތީ އެ މަސައްކަތްކުރާ މީހާއަށް ވެސް ދެން ކުރިއަށް ދާންވީ ކޮންގޮތަކަށްކަން ވެސް ނޭނގޭ ހާލަތުގައި،" ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓް ބަހުސްގައި ވެސް އެ ވާހަކަ ދެއްކުމުން ގޯސްވީ އޭނާ ކަަމަށެވެ.

ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

އެއާޕޯޓާއި ސީ ޕޯޓް

ގަމު އެއާޕޯޓާއި ހިތަދޫގައި އޮންނަ ކޮމާޝަލް ޕޯޓަކީ ދެކުނުގެ މައި ދޮރާށި ކަމުގައި ވިދާޅުވެ ފޮނި ވާހަކަތައް ދެއްކިޔަސް ރައްޔިތުންނަށް ފައިދާވާ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި މިތަންތަން ތަރައްގީކޮށް ފުރިހަމަކޮށް ވަސީލަތްތައް ގާއިމްކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.