ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލްގެ އަލަތު ކައިވެނީގެ ވާހަކަތަކަކީ މިހާރު މުޅި ބޮލީވުޑްގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކަ އެވެ.

މި ދެ ފަންނާނުން ވެސް އެމީހުންގެ ކައިވެނި ކުރުމަށް ރާވާފައި ވަނީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ކައިވެނި ހަފްލާ ބޭއްވުމަށް އެ ފަންނާނުން ވަނީ މާ ކުރިންސުރެވެސް ކައިވެނިކުރާ ވެނިއު ނަގައި ފައިސާ ދައްކާފަ އެވެ. އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި މީގެ ކުރިން ކެޓްރީނާ އާއި ވިކީ ވަނީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ގޭގައި ބޭއްވި ދިވާލީ ޕާޓީގައި އެންގޭޖު ވެސް ވެފަ އެވެ.

އަންނަ ޑިސެމްބަރުގައި މި ދެ ތަރިންގެ ކައިވެނި ހަމަޖެހިފައިވާއިރު، ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތާރީހަކީ އަންނަ މަހުގެ 7 އިން ފެށިގެން 9 އާއި ދެމެދެވެ.

ނަމަވެސް ނޫސްތަކުން ބުނާގޮތުގައި ވިކީ ބޭނުންވީ އަންނަ އަހަރު ކައިވެނި ކުރުމަށެވެ. ސަބަބަކީ ވިކީ ކުޅުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ޝޫޓިންތަކަށް ބުރު އެރުމެވެ. ހަމައެހެންމެ އަންނަ އަހަރުގެ މޭމަހުގައި ކައިވެނި ކުރަން ތާރީހެއް ނެގުމަށާއި، ދެ ފަންނާނުންގެ ޝޫޓިންތައް ނިންމައި، އަލަތު ކައިވެނީގެ އުފަލުގައި ބައިވެރިޔާ އާއި އެކު ގިނަ ވަގުތު އެކީ ހޭދަކުރުމަށް ވިކީ ބޭނުންވި އެވެ.

އެހެންނަމަވެސް ކެޓްރީނާ މިކަމާ ދެކޮޅުހަދައި، ބޭނުންވީ ޑިސެމްބަރު މަހުގެ ކުރީކޮޅު ކައިވެނިކޮށް ނިންމާލުމަށެވެ. އޭނާ މިހެން މިކަން ކުރުމަށް ނިންމީ ކައިވެނި ކުރުމަށް ރާޖަސްތާނު ހަމަޖެހިފައިވާއިރު، އެ ސިޓީއަކީ މެއި މަހާއި ދިމާކޮށް ހޫނުކަން އިންތިހާއަށް އިތުރުވާ ސަރަހައްދަކަށް ވުމެވެ.

ދެ ފަންނާނުންގެ ކައިވެނީގެ ވާހަކަތައް ދެކެވެމުންދާއިރު، ގިނަ ބަޔަކު ދަނީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާކަމަށްވާ ސަލްމާން ހާނަށް އެކިކަހަލަ މީމްތައް ހަދައި ސޯޝަލް މީޑިޔާގައި އާންމުކުރަމުންނެވެ. އޭގެ އިތުރުން އެދެފަންނާނުން ކުޅުމަށް ހަމަޖެހިފައިވާ ޓައިގާ-3 ވެސް ވަނީ ކެޓްރީނާގެ ކައިވެންޏަށް ފަހު ކުޅުމަށް ފަސްކޮށްފަ އެވެ.