ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރްމާ އާއި ކްރިކެޓާ ވިރާޓް ކޯހްލީގެ ދަރިފުޅު ވާމިކާ އަށް ޖިންސީ އަނިޔާކުރާނެ ކަމަށް ފާޅުގައި ސޯޝަލް މީޑިޔާގައި ބުނި މީހަކު ހައްޔަރުކޮށްފި އެވެ.

ހައިދްރާބާދަށް ނިސްބަތްވާ މި މީހާއަކީ އުމުރުން 23 އަހަރުގެ ރާމްނަގޭޝް ޝްރީނިވާސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި އިންޑިޔާގެ މުމްބައީ ޕޮލިހުންނެވެ.

އިންޑިޔާގެ ނޫސްތަކަށް ހަބަރުދެމުން މުމްބާއީ ޕޮލިހުން ބުނީ ހައްޔަރު ކުރީ ސޮފްޓުވެއާ އިންޖީނިއަރެއް ކަމަށާއި، އޭނާ މީގެ ކުރިން ފުޑް ޑެލިވަރީ އެޕްއެއް ހިންގުމުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންނަށް ލިބިފައިވާ އަންހެން ދަރިފުޅަށް ޖިންސީ އަނިޔާ ކުރާނެ ކަމަށް އިންޒާރު ދީފައިވަނީ، އިންޑިޔާގެ ކްރިކެޓް ޓީމަށް ނިސްބަތްވާ މުހައްމަދު ޝާމީގެ ކުޅުމާއި މެދު ހިތްހަމަ ނުޖެހި އިންޑިޔާގެ ގިނަ ބަޔަކު މީސްމީޑިޔާގައި ޝަކުވާތައް ކުރަމުން ދަނިކޮށް ވިރާޓް ކޯހްލީ ކުރި ކޮމެންޓަކަށް ފަހުގަ އެވެ.

އެގޮތުން އެ ކޮމެންޓުގައި ވިރާޓު ވަނީ އޭނާއަށް މިދަނޑިވަޅުގައި ކުރާނެ އިހުސާސްތައް ތަޞައްވަރުކުރެވޭކަން ފާހަގަކޮށް، ކުޅުންތެރިއެއްގެ ހައިސިއްޔަތުން، ޝާމީ ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ.

އޭނާގެ މިވާހަކައަށް ރައްދު ދެމުން ރާމްނަގޭޝް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ވާމިކާއަށް ޖިންސީ ގޯނާ ކުރާނެ ކަމަށް އިންޒާރުދީފަ އެވެ. އޭނާގެ މިއަމަލާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައި ވާއިރު، މި މައްސަލަ އިތުރަށް ބަލަމުން ގެންދާކަމަށް މުމްބާއީގެ ފުލުހުން ވަނީ ބުނެފަ އެވެ.