ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާއަށް 53 އަހަރުވީ އެވެ. ގައުމުގެ އެންމެ މަތީ ބާރު ރަސްކަލަކަށް އޮތުމުގެ ބަދަލުގައި ރައްޔިތުން އައްޔަން ކުރާ ފަރާތަކަށް އޮންނަ ގޮތަށް ވެރިކަމުގެ ނިޒާމު ބައްޓަންވެ އެގޮތަށް އެކަން ހިނގަމުން އަންނަތާ މިވީ 53 އަހަރު ދުވަހުގެ ތެރޭގައި ފަސް ރައީސުން ވެރިކަން ކުރައްވައިފި އެވެ.

މިހާރު ވެރިކަމުގައި ހުންނެވީ ދެވަނަ ޖުމުހޫރިއްޔާގެ ހަވަނަ ރައީސެވެ. މިއަދު ދިވެހި ޖުމްހޫރިއްޔާއަށް 53 އަހަރު ފުރި 54 ވަނަ އުފަން ދުވަސް ފާހަގަ ކުރިކަމުގައި ވިޔަސް ޖުމުހޫރީ ވެރިކަން ދިވެހިން ވަނީ އޭގެ މާކުރީން ތަޖުރިބާ ކޮށްފަ އެވެ.

ރާއްޖެއަށް ފުރަތަމަ ޖުމުހޫރީ ވެރިކަމެއް ތައާރަފު ކުރެވުނީ 1 ޖެނުއަރީ 1953 ވަނަ އަހަރު ސުމުއްވުލް އަމީރު މުހައްމަދު އަމީނު ރައީސްކަމުގެ ހުވާކުރެއްވުމުންނެވެ.

ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރީ ރައްޔިތުން ބޭނުންވެގެނެއް ނޫން؟

އެތައް ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހިނގަމުން ދިޔަ އާއިލީ ރަސްކަން އުވި ރިޔާސީ ނިޒާމަކަށް ދީލާލުމުގައި މެދުވެރިވި ސަބަބުތަކާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް ދެކެވިފައި ނެތް ކަމުގައި ވިޔަސް ފެންނަން ހުރި ލިޔުންތަކާއި ހެކިތަކަށް ބަލާއިރު އެކަން އެހެންވީ އޭރު ރާއްޖޭގެ ވެރިކަން ހިންގުމުގެ ހުރިހާ ބާރެއް އޮތް ސުމުއްވުލް އަމީރު މުހައްމަދު އަމީނު އެކަން އެގޮތަށްވުމަށް ބޭނުންފުޅު ވެވަޑައިގެންނެވުމުންނެވެ.

ސަރުކާރުގެ މަތީ މަގާމުތަކެއް އަދާކުރައްވާފައިވާ އަދި ދިވެހި ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު މުއިއްޒު އަދުނާން، ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވި ގޮތް "ކުރުކޮށް" އޭނާގެ ފޭސްބުކްގައި ލިއުވާފައިވެ އެވެ.

"ދިވެހިންގެ ޒަމާންވީ ދިގު ރަސްކަން ފުރަތަމަ ނިމުމުގެ ސަބަބެއްކަމުގައި ވީ އެއްގޮތަކަށް ވެސް ރައްޔިތުން ވެސް އަދި ވެރިން ވެސް ރަސްކަން ނިމުމަކަށް ބޭނުން ވެގެނެއް ނޫނެވެ."

އޭގެ ތަފުސީލު ދެއްވަމުން މުއިއްޒު އިތުރަށް ލިޔުއްވި އެވެ.

"ހަސަން ނޫރައްދީން 2 ވަނަ، ރަސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ދިވެހި ތަޚުތުގައި ވެޑުވުމަށް ކަނޑައެޅުނީ އަތިރީގޭ ޢަބްދުލް މަޖީދު ރބކ. ނަމަވެސް ބައެއް ސަބަބުތަކާ ހެދި އެކިލެގެފާނަށް ރަސްކަމަށް އިސްވެވަޑައިންނެވޭނެ ގޮތެއްނުވި. ރބކ އަވަހާރަވުމަށް ފަހު ރަސްކަމަށް އެހެން ބޭފުޅެއް އިސްކުރުމަށް މަޝްވަރާތަކެއް ކުރެވުނުކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ. ނަމަވެސް......އާދެ! ކުރިއަކަށް ނުދިޔަ. ކޮންމެއަކަސް އޭރުގެ އިސްބޭފުޅުން ދެން ބޭނުންފުޅުވީ މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ރަސްކަމަށް އިސްކުރުން. އެކިލެގެފާނު އެކަމަށް ޤަބޫލުފުޅެއް ނުވި. ރައްޔިތުންނާއި ވެރިން ބޭނުންވީ އަމީން ދީދީ އަށް ކޮންމެ ގޮތަކުން ވިޔަސް ވެރިކަން ދިނުމަށް. ރަސްކަން ޤަބޫލު ނުކުރެއްވި ނަމަވެސް އެހެން ގޮތަކުން ވިޔަސް ވެރިކަމަށް އެމަނިކުފާނު އިސްކުރުން. 1 ޖެނުއަރީ 1953 ގައި ޖުމްހޫރިއްޔަތެއް ޤާއިމުވެ ރަސްކަން އުވުނީ މިދެންނެވި ސަބަބަށްޓަކައި" އޭނާ ލިޔުއްވާފައިވެ އެވެ.

މަތީގައިވާ ލިޔުން ކޮޅަށް ފުރިހަމައަށް ތާއީދުކުރާ ހާލު އިތުރަށް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ހަސަން ނޫރައްދީނު ކޮންމެފަދަ ސަބަބަކާ ހެދި ރަސްކަމުން އިސްތިއުފާ ދެއްވި ކަމަށް ވިޔަސް އެ ވަގުތު ސަރުކާރުގެ ހުރިހާކަމެއް ހިންގެވުމުގެ ބާރު އޮތީ އަލް އަމީރު މުހައްމަދު އަމީނުގެ އަތްޕުޅުގައިކަމެވެ. 1941 ވަނަ އަހަރުން އޭރުގެ ވަޒީރުއް ދާޚިލިއްޔާގެ މަގާމުގައި ހުންނެވި ހަސަން ފަރީދު ދީދީ ޗުއްޓީ ނެންގެވުމާ ހަމައިން އަމީނު ވެވަޑައިގެންފައި ހުންނެވީ ދައުލަތުގެ ހުރިހާ ކަމެއް ހިންގެވުމުގެ އެންމެ އިސް ވެރިޔަކަށެވެ. އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް ބޮޑު ވަޒީރު މުހައްމަދު ފަރީދާއި ރަސްގެފާނު އިސްތިއުފާ ދެއްވުމުން މުޅި ސަރުކާރު ހިންގެވުމުގެ ޒިންމާ އޮތީ އަމީނުގެ ކޮނޑުފުޅުގަ އެވެ. ހަމަ އެދަނޑިވަޅު ހަސަން ފަރީދު ގެއްލި ވަޑައިގެންނެވުމާއެކު ހުސްވި، ރާއްޖެއިން ސިލޯނުގައި ހުންނަވާ ރެޕްރެޒެންޓެޓިވްގެ މަގާމާ ވެސް ހަވާލުވެ ވަޑައިގެންނެވީ އަމީނެވެ. އެހިސާބުން ރާއްޖޭގެ އެތެރެއާއި ބޭރުގައި ވެސް ސަރުކާރު ހިންގެވުމުގެ ހުރިހާ ބާރެއް އޮތީ އަމީނު ދީދީގެ އަތްޕުޅުގަ އެވެ.

ރާއްޖޭގެ ރަސްގެފާނު އިސްތިއުފާ ދެއްވުމާއެކު 1944 ވަނަ އަހަރު އަލްއަމީރު އަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ރަސްކަން އެރުވުނެވެ. އެހެނަސް އޭގެ މާކުރީއްސުރެ މިސްރުގައި ވަޒަންވެރިވެ ވަޑައިގެން ހުންނެވި ރަންނަބަނޑޭރި ކިލެގެފާނަށް އެ މަގާމާ ހަވާލުވެވޭ ގޮތެއް ދިމާނުވަނީސް އެ ކިލެގެފާނު އަވަހާރަވި އެވެ. އެ ހިސާބުން ރާއްޖޭގެ ވެރިކަން އަމީނު ބޭނުންފުޅު ގޮތަކަށް ކުރެއްވުމަށް ލިބިވަޑައިގެންނެވި އެވެ.

ރާއްޖޭގެ ރަސްކަން އަމީނަށް އެރުވުނު ހިނދު އެމަނިކުފާނު ރަސްކަމެއް ކުރައްވަން ބޭނުންފުޅުވެ ވަޑައެއްނުގެންނެވި ކަމަށްވެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގެންނެވީ ދިވެހިރާއްޖެ ޖުމުހޫރިއްޔާއަކަށް ބަދަލުކޮށްލައްވާށެވެ. އެކަމަށްޓަކައި ރައްޔިތުންގެ ވޯޓަކުން ފުރިހަމަ ކާމިޔާބު ހޯއްދަވައި ދިވެހި ވެރިކަން ރަސްކަމުން ޖުމުހޫރިއްޔާއަކަށް ބަދަލު ކޮށްލެއްވި ސަބަބަކީ ކޮންމެހެން ވެރިކަން ހިންގެވުމުގެ ބާރުތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށް ދެއްވުން ކަމަށް ބެލެވޭކަށް ނެތެވެ. ސަބަބަކީ އެމަނިކުފާނުގެ ވެރިކަމުގައި ވެރިކަމުގެ ހުރިހާ ބާރުގަދަ މަގާމެއް އަމިއްލައަށް ފުރުއްވަމުން ގެންދެވުމެވެ.

ޚުދުމުހުތާރު ރަސްކަމަކުން ޚުދުމުޚުތާރު ވެރިކަމަކަށް؟

އަމީނުގެ ސިޔާސަތަށް ވަރަށް މިނިވަންކަމާއެކު ފާޑު ވިދާޅުވާ ތާރީޚު އިލްމު ވެރިއެއްކަމަށްވާ އަލްމަރުހޫމު އަބްދުލް ހަކީމު ހުސެއިން މަނިކު ވިދާޅުވެފައިވާ ގޮތުގައި އަމީނުގެ ވެރިކަމަކީ ޚުދުމުޚުތާރު ވެރިކަމެކެވެ.

އެމަނިކުފާނުގެ ބަސްފުޅުން ނަމަ "1ޖެނުއަރީ 1953 ވަނަ ދުވަހަކީ ދިވެހި ގައުމުގައި "ޖުމްހޫރިއްޔަތު" ގެ ނަމުގައި ވަރުގަދަ "ޚުދުމުޚުތާރު" ވެރިކަމެއް އިއުލާން ކުރެވުނު ދުވަހެވެ."

އަމީން ގެންނެވި ބަދަލުތަކާ މެދު ގިނަ ބައެއްގެ ނުރުހުން

ވެރިކަމުގެ ގިނަ މަގާމުތައް އެމަނިކުފާނުގެ އަތްޕުޅުގައި އޮންނަ ގޮތަށް އެކުލަވައިލެވުނު އަމީނުގެ ފުރަތަމަ ޖުމުހޫރިއްޔާއަކީ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ރާއްޖެއަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް ގެނެވުނު ދުވަސްކޮޅެކެވެ.

މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަދަރުސާތައް ތައާރަފުކުރައްވައި އިލްމު އުނގަންނައި ދިނުމަށް އެ ދައުރުގައި ޚާއްސަ ސަމާލުކަމެއް ދެވުނެވެ. އަންހެނުންނަށް ސަރުކާރުގެ އިސް ސަފުން ފުރުސަތު ދެއްވުމާއި ތަރައްގީގެ ތަފާތު ހަރކާތްތައް އެދުވަސްވަރު ހިންގަމުން ގެންދިޔަ އެވެ.

ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ ހައިސިއްޔަތުން އަމީނު ބޭނުންފުޅުވީ ކުރިއަރާ ފައިވާ ތަހުޒީބު ގައުމަކަށް ރާއްޖެ ބަދަލުކޮށް ލެއްވުމަށެވެ. އެކަމަށްޓަކައި އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ ދުވެލި ހުރީ އޭރުގެ ނިސްބަތުން ރައްޔިތުންނަށް ހިފަހައްޓާލެވޭ ވަރަށް ވުރެ މާބާރުމިނެއްގަ އެވެ.

ތަރައްގީގެ ނަމުގައި މަގުމަގާއި ބޯޅަ ދަނޑުތަކާއި ތަފާތު އިމާރާތްތައް ހެދުމަށް ރައްޔިތުންނަށް ކުރަން ޖެހުނީ އާދަޔާ ޚިލާފު ބުރަ މަސައްކަތެކެވެ. ހަނގުރާމައިގެ ސަބަބުން ދިމާވެފައި އޮތް ތަދުމަޑުކަމުގައި މީހުން މަރުވަމުން ދިޔަކަމަށް ވިޔަސް އެކަމަކަށް ނުބައްލަވައި ރައްޔިތުންނަށް އިތުރު ބުރަތައް ޖެއްސެވުމަކީ އެމަނިކުފާނު ދެކެ އެއް ދުވަސްވަރެއްގައި ނުހަނު ލޯބިވި ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް ނަފުރަތު އުފެދުނު ސަބަބެވެ. ޚާއްސަ ކޮށް އެފަދަ ދަނޑި ވަޅެއްގައި ދުންފަތް މަނާ ކުރެއްވުން ފަދަ ކަންކަމަކީ އެކަންތަކުގެ ނަތީޖާއަށް ވިސްނާ ވަޑައިގެންނެވުމަކާ ނުލައްވައި އަމީނު ކުރެއްވި ކަންތައްތަކެކެވެ.

ރުޅިވެރިކަން އޭގެ އިންތިހާއަށް

ރައްޔިތުންގެ ފަރާތުން ލިބި ވަޑައިގެންނެވި އާދަޔާ ޚިލާފު މަތިވެރި ތާއީދަކާ ލޯތްބަކާއެކު ވެރިކަމާ ހަވާލު ވެވަޑާއިގެންނެވި އަމީނު ދީދީގެ ވެރިކަން އެންމެ 7 މަސް ދުވަހުން ނިމެން މެދުވެރިވި ސަބަބަކީ އެމަނިކުފާނަށް ދިވެހި ރައްޔިތުން އެރުވި މަތިވެރި އިތުބާރުގެ ބަދަލުގައި ރައްޔިތުންނަށް އެކަށިގެންވާ އިހުތިރާމު ނުކުރެވުން ނޫން އެހެން ކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. އެމަނިކުފާނުގެ ވެރިކަން ނިމިދިޔަ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި މަރުހޫމު ޝިހާބު ވެސް ފާހަގަ ކުރައްވާ ގޮތުގައި މުޅި ގައިމުގައި ވެސް ހުރި ހަމަ އެނި މީހަކީ އެމަނިކުފާނު ކަމުގައި އަމީނަށް ހީފުޅުވެ ވަޑައިގެންނެވުން އެއީ އެންމެ ބޮޑު ސަބަބެވެ.

ގައުމަށް ހެޔޮ އެދިވަޑައިގެން ނަމަ ވެސް ރައްޔިތުންނަށް އެމަނިކުފާނު އުފުއްލަވަން ޖެއްސެވި ތަކުލީފަކީ ޒަމާނާ ހާލަތުގެ ގޮތުން ރައްޔިތުންނަށް އުފުލައިގަނެވޭނެ ކަންކަމަކަށް ނުވި އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އަމީނުގެ ވެރިކަން ބަދަލުކުރުމަށް ބޭނުންވި ބައެއްގެ ފަހަތަށް ރައްޔިތުން އެރީ ހިތުން ރުހުމުންނެވެ.

ދިވެހި ރަސްކަން ޖުމުހޫރިއްޔާއަކަށް ބަދަލު ކުރެއްވުމަށް ފަހު އަމީނު ކުރައްވަން ބޭނުންފުޅުވެ ވަޑައިގެންނެވި ހުވަފެނީ ވެރިކަމަށް ނިމުން އައުމަށްފަހު އަލުން ރާއްޖެއަށް ގެނެވުނީ ރަސްކަމެކެވެ. އެރަސްކަމުގައި ބޮޑު ވަޒީރުކަން ލިބިވަޑައި ގެންނެވި މަރުހޫމު އިބްރާހިމް ނާސިރަކީ ހިކުމަތްތެރިކަމާއެކު ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލު ކޮށްލެއްވި ލީޑަރެވެ.

1 ނޮވެމްބަރު 1968 ގައި ދިވެހި ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ރައީސްކަމުގެ ހުވައި އެމަނިކުފާނު ކުރެއްވުމަށް ފަހު އެ ޖުމުހޫރިއްޔާގެ ދުވަސްތައް މިދަނީ ގުނެމުންނެވެ. ޖުމުހޫރީ ދުވަހުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް އަރިސްކުރަމެވެ.