ހިޔާ ކުދިންނަށް 13 ފުލުހަކު ޖިސްމާނީ އަނިޔާކުރި މައްސަލައާ ގުޅިގެން ދައުވާކުރުމުން ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

2017 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ކ.ތުލުސްދޫގައި ބޭއްވި ކޭމްޕުގައި ކުދިން ނުކިޔަމަންތެރިންވުމުން އެކުދިންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާއި ގުޅިގެން 13 ފުލުހަކަށް ވަނީ ދައުވާކޮށްފަ އެވެ.

ނަމަވެސް އެކުދިން ކޮންޓްރޯލް ކުރީ ފުލުހުންގެ ގާނޫނުގެ ތެރެއިން ކަމަށް ބުނެ ފުލުހުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންއިން ތުހުމަތުކޮށް ޕީޖީ އޮފީހަށް ފޮނުވީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރުގެ އިތުރުން 30 މީހުންގެ މައްޗަށް ދައުވާކުރުމަށްށެވެ.

މި މައްސަލަ އިތުރަށް ބަލައި ޕީޖީ އޮފީހުން ވަނީ ޒެނީޝާ އާއި ބަޝީރަށް ދައުވާ ނުކުރުމަށް ނިންމާފަ އެވެ. އަދި މައްސަލައާއި ގުޅިގެން 13 ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީން ފޮނުވާފައިވެ އެވެ.

ޕީޖީން ބުނީ ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމީ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތުމުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދައުވާކުރީ ކުށުގެ އަމަލުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު ފުލުހުންނަށް ކަމަށް ވެސް ޕީޖީން ވަނީ ބުނެފަ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ތުލުސްދޫގައި ހިންގި ކޭމްޕަކަށް، ހިޔާގެ ކުދިން ގޮވައިގެން އެ ރަށަށް ދަތުރުކުރި ފެރީ އާއި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެ ކުދިންނަށް އަނިޔާވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން 8 ފުލުހަކަށް ދައުވާކުރުމަށް ނިންމާފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ކުދިންނަށް ހަޅޭއްލަވައި ބިޑި އަޅުވިކަމަށް 13 ފުލުހަކަށް ތުހުމަތުކޮށްފައިވެ އެވެ. އެ ފުލުހުންގެ މައްޗަށް ކުރީ ލާއިންސާނީ އަމަލު ހިންގުމުގެ ދައުވާ އެވެ.