މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. އަދި މި ސަރަހައްދުތަކަށް މިއަދު މެންދުރު 1:15 އިން 5:00 ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މެޓުން ބުނީ އެސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

ނިމުނު އޮކްޓޯބަރު މަހު މޫސުން ގޯސްވުމާ ގުޅިގެން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުންނާއި މެޓް އިން އިލްތިމާސްކޮށްފައި ވަނިކޮށް އެކި ހިތާމަވެރި ހާދިސާތައް ދިމާވުމާ ގުޅިގެން މޫސުން ގޯސް ދުވަސްވަރެއްގައި ދަތުރުކުރުމުގެ ގަވާއިދުތައް ވަނީ އިތުރަށް ރައްކާތެރިކޮށްފަ އެވެ.

އޭގެ ތެރޭގައި ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރު (30 ފޫޓް) އިން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވެ އެވެ

މިދުވަސްރު މޫސުން ގޯސް ދުވުމާއި ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، އެހެނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.