މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް އޮފީސް) އިން އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ ހެނދުނު 8 އިން ފެށިގެން މެންދުރު 2 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ބުނީ އެއަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުނެފައިވެ އެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އިން ވަނީ އިއްޔެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލުވެސް ނެރެފަ އެވެ. އިއްޔެ ރީނދޫ ސަމާލު ނެރުނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ.

މިދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާ ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، އެހެނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.