ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަމުން އަންނަ ކަމަށް ނެޝަނަލް ޑައިބެޓީސް ސެންޓަރުން މިއަދު ބުނެފި އެވެ.
ދުނިޔޭގެ ހަކުރު ބަލީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދެވުމަށް ފުވައްމުލަކަށް ވަޑައިގެން ހުންނެވި އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު އަދި ނެޝަނަލް ޑައިބެޓީސް ސެންޓަރު ހިންގެވުމާ ވެސް ހަވާލުވެ ހުންނެވި ޑރ. އަލީ ލަތީފު "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފާއިތުވި 25 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މުޅި ދުނިޔޭގައި ވެސް ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
"ރާއްޖޭގައި އެކަމާ ބެހޭ ގޮތުން ލިބެންހުރި ޑޭޓާތަކަށް ބަލާއިރު ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު މައްޗަށްދާ ތަން އެބަ ފެނޭ. އަޅުގަނޑުމެން ފުރަތަމަ ރާއްޖެ އައިއިރު [2003 ވަނަ އަހަރު] އޯޕީޑީއަށް ދައްކާ މީހުންގެ އަދަދާ މިހާރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.
ޑރ. އަލީ ވިދާޅުވީ ހަކުރު ބަލި ޖެހޭ މީހުންގެ ދުނިޔޭގެ ޓްރެންޑް ރާއްޖެއަށް ވެސް އަންނަތަން ފެންނަ ކަމަށެވެ.
"މިބަލީގައި އަޅުގަނޑުމެންނަށް ޑައިގްނޯސް ކުރެވޭ އަދަދު މަދުވާނެ. މިސާލަކަށް ކޮންމެ ދިހަ މީހުންކުރެ އެކަކީ ޑައިބެޓިކް ޕޭޝަންޓެއް ކަމަށް ވެދާނެ. 50 ޕަސެންޓް މީހުންނަށް އެ މީހުންގެ އެބަލި ހުންނަ ކަމެއް ނޭނގެ. މިހާރު ވެސް ވަރަށް ގިނަ ވާނެ ޑައިބެޓިކް ޕޭޝަންޓުން އެ މީހުންނަށް ނޭނގި. އަޅުގަނޑުމެން ޓެސްޓްކުރީމަ އެނގޭނީ،" އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރާއްޖޭގައި ހަކުރު ބަލީގެ މީހުންގެ އަދަދު ފުދޭ ވަރަކަށް އިތުރުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"އަޅުގަނޑުމެން ދާދިފަހުން ދިޔައީ 460 މީހުން ދިރިއުޅޭ ގދ. ވާދޫއަށް. އެ ރަށު މީހަކު ބުނި އަޅުގަނޑު ކައިރީގައި ހަކުރު ބަލީގެ 65 ވަރަކަށް މީހުން އެބައުޅޭ. އެ ނިސްބަތުން ބަލާ ނަމަ ރާއްޖޭގައި ފުދޭ ވަރަކަށް ގިނައިން ހަކުރު ބަލީގެ މީހުން އުޅޭނެ،" އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ "ނެޝަނަލް ޑައިބެޓީސް ސެންޓަރު" މީގެ އަހަރެއްހާ ދުވަސްކުރިން އައިޖީއެމްއެޗުން އުފެއްދީ ހަކުރު ބަލީގެ މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ބުރީގައި ހުންނަ އެ ސެންޓަރުން ހަކުރު ބައްޔާ ގުޅޭ ހުރިހާ ހިދުމަތެއް ފަސޭހައިން ލިބެންހުރެ އެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ހަކުރު ބައްޔަށް ފަރުވާ ދޭން ބޭނުންވާ ތަފާތު ޓެސްޓު ހެދުން ހިމެނެ އެވެ. އަދި ހަކުރު ބަލި ޖެހިފައިވާ މީހުން ކެއުން ބަހައްޓާނެ ގޮތާ މެދު ޑައެޓީޝަނުންގެ ލަފާ ވެސް ލިބޭނެ އެވެ.
"މިފަދަ ކޭމްޕްތައް މީގެ ކުރިން ވެސް ބާއްވާފައިވާނެ. ކޮވިޑާ ހެދި މަޑުޖެހިފައި އޮތުމަށް ފަހު މިރަށުގައި މި ފަހަރު ބާއްވަނީ. މީގެ ބޭނުމަކީ ކުރިއާލައި މިބަލީގެ މީހުން ދެނެގަތުން. އޭރުން ކޮމްޕްލިކޭޝަންތަކުން ސަލާމަތްކުރަން އަޅުގަނޑުމެންނަށް ފަސޭހަވާނެ،" ޑރ. އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މާބަނޑު މީހުންގެ ތެރެއިން ހަކުރު މައްޗަށްދާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވިހެއުމަށްފަހު ވެސް ހަކުރު ލެވެލް ދަށްނުކުރެވޭކަން ފާހަގަކުރެވޭ ކަމަށެވެ. އެއީ ވެސް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ޑރ. އަލީ ފާހަގަކުރެއްވި އެވެ.
ފުވައްމުލަކުގައި ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިމްޕޯޒިއަމެއް ކުރިޔަށް ގެންދަނީ އައިޖީއެމްޗާއި މޯލްޑިވްސް އިންޓާނަލް މެޑިސިން ސޮސައިޓީ އާއި އެސްޓީއޯ އަދި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެންނެވެ.
މި ސިމްޕޯޒިއަމްގައި މައުލޫމާތު ދެއްވުމަށް އައިޖީއެމްއެޗް އިންޓާނަލް ޑޮކްޓަރުންގެ ތެރެއިން ޑރ. އަލީ ލަތީފުގެ އިތުރުން ޑރ. އަލީ ނަޒީމް އާއި ޑރ. މުހައްމަދު ސިރުހާން ވެސް ވަޑައިގެންނެވި އެވެ.