ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، ސަމްލާނުގެ ޕްރައިވެޓް ލައިފާއި ލަވް ލައިފް އާއި ގުޅުންހުރި ކަންކަމަކީ ވެސް އޭނާގެ ސަޕޯޓަރުން އަބަދުވެސް ބަލަން ބޭނުންވާ މައުލޫމާތުތަކެކެވެ.

ސަލްމާން މިހާތަނަށް މީހަކާ ނީނދެ ހުރުމަކީ އޭނާގެ ސަޕޯޓަރުން އަބަދުމެ ކަންބޮޑުވުން ފާޅުކުރާކަމެކެވެ. ނަމަވެސް ސަލްމާނުގެ ލޯބީގެ ހަޔާތަކީ އަބަދުމެ އޮން ސްކްރީން އާއި އޮފް ސްކްރީންގައި ވެސް ދެކެވޭ ބޮޑު ވާހަކައެކެވެ.

މިގޮތުން ގިނަ މީހުން ހީކުރީ ސަލްމާނު އިންނަން އެންމެ ބޭނުންވީ އިންޑިއާގެ ރީތީގެ ރާނީ އަދި ފިލްމީ ތަރި އައިޝްވަރްޔާ ރާއީއާ ކަމަށެވެ.

އެހެންނަމަވެސް އައިޝްވަރްޔާ އާއި ރައްޓެހިވުމުގެ ކުރިން ސަލްމާން، މަޝްހޫރު ތަރި ޖޫހީ ޗާވްލާ ދެކެ ލޯބިވެ އޭނާއާ ކައިވެނިކުރަން ބޭނުންވި އެވެ.

އެ ދުވަސްވަރު އޭނާ ވަނީ ޖޫހީއާ ކައިވެނިކުރަން ޖޫހީގެ ބައްޕަ ކައިރިން ވެސް ހުއްދައަށް އެދިފަ އެވެ. އެހެން ނަމަވެސް އޭރު ބޮލީވުޑްގައި އެންމެ މަޝްހޫރު ބަތަލާއަކަށް ޖޫހީވުމުން އޭނާގެ ބައްޕަ ވަނީ ސަލްމާނުގެ އެ އެދުމަށް އިންކާރުކޮށްފަ އެވެ.

އެއަށްފަހު ޖޫހީ 1998 ވަނަ އަހަރު މަޝްހޫރު އިންޑަސްޓްރިއަލިސްޓް ކަމަށްވާ ޖައި މެހެތާ އާއި ކައިވެނިކުރުމަށްފަހު އޭނާގެ ކުޑަ އާއިލާ ބިނާކުރި އެވެ.

ސަލްމާނު ހާން އަދިވެސް ސިންގަލޮކޮށް ހުރި އިރު، އޭނާ ކައިވެނިކުރާނެ ކަމަށް އާންމުންނާއި ސަޕޯޓަރުން އެންމެ އުންމީދުކުރީ ކެޓްރީނާ ކެއިފްއާ އެވެ. ނަމަވެސް ކެޓްރީނާ އާއި ސަލްމާނުގެ ގުޅުން ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ.

މިދުވަސްވަރު އެންމެ ދެކެވޭ އެއް ވާހަކައެއްގެ ގޮތުގައި ކެޓްރީނާ އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަ ދެކެވެމުންދާއިރު، މި ދަނޑިވަޅުގައި ސަލްމާނަށް ކުރާނެ އަސަރާ ގުޅިގެން މީޑިއާތަކުގައި ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. ނަމަވެސް މިކަމަކަށް ސަލްމާނުގެ އެއްވެސް ރައްދެއް މިހާތަނަކަށް ލިބިފައެއް ނުވެ އެވެ.