އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އެމްއެންޑީއެފްގެ ހުއްދައެއް ނެތި ތ. ތިމަރަފުށީގައި ޖެއްސި މައްސަލައެއް ފެންމަތިވެއްޖެ އެވެ. ތިމަރަފުށީ އެއާޕޯޓުގައި ހުއްދަނެތި އިންޑިއާ ސިފައިން ހެލިކޮޕްޓަރު ޖައްސާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.

އިންޑިޔާގެ ހެލިކޮޕްޓަރު ތިމަރަފުށީގައި ޖެއްސުމާ ގުޅިގެން ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ރާއްޖޭގައި ތިބޭ އިންޑިއާ ކަނޑުގެ ސިފައިންގެ ކޮމާންޑަރަށް މިފަދަ ކަންކަން ނުކުރުމަށް އަންގާ ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައިވަނީ ލީކުވެފަ އެވެ. އެ ސިޓީގައި ވާގޮތުން ހެލިކޮޕްޓަރު ޖެއްސުމާއި ގުޅިގެން، އެއާޕޯޓުގެ އޮފިޝަލުން ވަނީ ކޯސްޓްގާޑް އޭވިއޭޝަނަށާއި، އެމްއެންޑީއެފްގެ އިސްވެރިންނަށް ޝަކުވާކޮށްފަ އެވެ. އަދި އެފަދަ ކަންކަމަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި، އަދި އެފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުމެއް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވެފައިވެ އެވެ. އަދި އެދުވަހު ހެލިކޮޕްޓަރު ދުއްވަން ހުރި ސީނިއަރ ޕައިލެޓް ލެފްޓިނެންޓް ކޮމާންޑަރ ވިނޯދުވެސް ހުއްދަ ނެތި ތިމަރަފުށީ އެއަރޕޯޓުގައި ޖެއްސިކަމަށް އެއްބަސްވެފައިވާ ބުނެފައިވެ އެވެ.

އެފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުކުރުމަށް ހާއްސަ ގައިޑްލައިންތަކަކަށް އަމަލު ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިންޑިއާގެ ކޮމާންޑަރުގެ ކިބައިން އެދިފަ އެވެ. އެގޮތުން ހެލިކޮޕްޓަރުގެ އެއްވެސް މޫވްމެންޓެއް ހެދުމުގެ ކުރިން ކޯސްޓްގާޑު އޭވިއޭޝަން ކޮމާންޑަރުގެ ހުއްދަ ކުރިއާލާ ހޯދަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ގަން އެއާޕޯޓުގައި ފިޔަވައި އިތުރު އެއްވެސް އެއާޕޯޓެއްގައި އަދި ރަށެއްގައިވެސް ހެލިކޮޕްޓަރު ޖައްސައިގެން ނުވާނެ ކަމަށް އަންގާފައިވެ އެވެ. އަދި ހެލިކޮޕްޓަރުގެ އެއްވެސް އޮޕަރޭޝަނެއް ހިންގާނަމަ، އެ އޮޕަރޭޝަނެއްގެ 24 ގަޑިއިރު ކުރިން، ކުރިއަށްދާނެ ގޮތުގެ ޝެޑިއުލް އެމްއެންޑީއެފާއި ހިއްސާކުރަން ޖެހޭނެ ކަމަށާއި އެއްވެސް ބަދަލެއް ގެންނަނަމަ އެކަން ލިޔުމުން އަންގަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހެލިކޮޕްޓަރު އެކި ބޭނުންތަކުގައި ބޭނުން ކުރާއިރު ވީހާވެސް ބޮޑަކަށް ދިވެހި ސިފައިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށާއި ކޮންމެ ތަނަކަށް ހެލިކޮޕްޓަރު ޖެއްސުމަށްފަހުވެސް އޮޕަރޭޝަނުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެކަމަށްވެސް އިންޑިޔާގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރަށް އަންގާފައިވެ އެވެ.

އިންޑިޔާގެ 2 ހެލިކޮޕްޓަރާއި ޑޯނިއަރ ދުއްވުމަށް އިންޑިޔާގެ 75 ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވިދާޅުވެފަ އެވެ. އެގޮތުން އެހުރިހާ ސިފައިންނަށްވެސް ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކަމަށްވެސް ވިދާޅުވި އެވެ. މިހާތަނަށްވެސް ހެލިކޮޕްޓަރ އެއްބަސްވުންވެސް ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށްބުނެ ސިއްރު ކޮށްފަ އެވެ.

އިންޑީޔާގެ ހެލިކޮޕްޓަރު ހުއްދަ އެމްއެންޑީއެފްގެ ހުއްދަ ނުހޯދާ ތިމަރަފުށްޓަށް ޖެެއްސުމާ ގުޅިގެން ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ގައިޑްލައިންތަކެއް ފޮނުއްވި ނަމަވެސް އިންޑިޔާ ސިފައިން އެއަށް އަމަލު ނުކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑުއުފުލުމުގެ ހަރަކާތްތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ވަމުން ނެވެ.