އދ. ދަނގެތީގައި މަރާލި މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ހައްޔަރު ކުރި ބަންގްލަދޭސްގެ ޝާ އަލޮމް މިއާ (ސާލިމް) ސަރީއަތް ނިމެންދެން ބަންދުކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ މަހްމޫދު މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ ސާލިމް، ސަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކުރީ އިއްޔެ ކަމަށެވެ.

ސާލިމް ހައްޔަރުކޮށްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ 15 ދުވަސް ކޯޓުން ދީފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

ސާލިމް އަކީ އެރަށު އުމުރުން ދުވަސްވީ މީހަކު ބަލަން ހަވާލުކޮށްފައި ހުންނަ މީހެކެވެ.

ތޫނު އެއްޗަކުން ހަމަލާދީ، ބޮލާއި ފައިކޮޅުގައި ގޯންޏެއް އެއްސުމަށް ފަހު ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް މަޙްމޫދު އެއްލައިލައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުގައެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ޖެހިގެން އައި ދުވަހުއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ފުލުހުން މިހާރު ކުރަމުން ދަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި ޕީޖީއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނި އެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ޕީޖީއަށް ހުށަހެޅުމަށް ފަހު މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމެއް މެދުވެރިކޮށް ހިއްސާ ކުރައްވާނެ ކަމަށެވެ.