މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސްޓާފް ސާޖަންޓް ހަސަން ފަހީމް ރަހީނުކޮށް އަނިޔާކުރި މައްސަލަ އެމްއެންޑީއެފުން ކުށްވެރިކޮށްފި އެވެ.

މި މައްސަލައިގައި ބައިވެރިވި މީހުން ހޯދައި އިންސާފު ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރަމުން ގެންދާކަން ފާހަގަކޮށް، އެމްއެންޑީއެފުން ވަނީ މުޖުތަމައުގައި ބިރުވެރިކަން އުފައްދައި ހަމަނުޖެހުން ހިންގުމަށް ކުރާ މަސައްކަތްތަކަށް ޖާގަ ނުދޭނެ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން މިފަދަ ފިނޑި ހަމަލާތައް ދިން ނަމަވެސް ސިފައިންގެ ހިދުމަތުން ކުރަމުން ގެންދާ އެއްވެސް މަސައްކަތަކަށް ބަދަލެއް ނާންނާނެ ކަމަށް އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މިފަދަފަރާތްތަކުން ކުރަމުންދާ އަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ ޢަމަލުތަކެއް ނޫންކަން ފާހަގަ ކުރަމެވެ." އެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ސްޓާފް ސާޖަންޓް ފަހީމް ވަނީ އައިޖީއެމްއެޗްއިން ފަރުވާހޯދުމަށް ފަހު ގެއަށް ދޫކޮށްލާފަ އެވެ. އަދި އޭނާގެ ހާލަތު އެމްއެންޑީއެފްގެ ލީޑަޝިޕުން ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވާއިރު، އޭނާ ރަހީނު ކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ކަމަށް އާއިލާއިން ވަނީ މައުލޫމާތުދީފަ އެވެ.

އެގޮތުން ރަހީނުކުރުމަށް ފަހު ސިފައިންގެ މީހާއަށް އަނިޔާ ކުރީ ކޮޓަރިއެއްގައި ބާއްވާފައި ކަމަށާއި، ފައިސާގެ ބޭނުމުގައި ހަތް މީހުން ހިމެނޭ ގުރޫޕަކުން ކަމަށް މައުލޫމާތުލިބެ އެވެ. އެހެންނަމަވެސް ފައިސާ ނުލިބުމުން މިއަދު ހެނދުނު ސިފައިންގެ މީހާ ސައިކަލެއްގައި ގެންގޮސް ވަނީ އައިޖީއެމްއެޗު ދޮރުމައްޗަށް ވައްޓާލާފަ އެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.