މެއި މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ބޭނުންވާ ބަޔާން އެމަނިކުފާނު ފުލުހުންނަށް ފޮނުވައިފި އެވެ.

މި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ބަޔާނުގެ ޑްރާފްޓެއް މިއަދު ފުލުހުންނަށް ފޮނުވާފައިވާއިރު، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރު ވަނީ މިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ނަޝީދަށް ހަމަލާދީފައި ވަނީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާއާއި ގުޅިގެން މިހައިތަނަށް ދައުވާކޮށްފައި ވަނީ އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމް އަށާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އަށާއި، ވ. ތިނަދޫ، ލަކީ، އަދުހަމް އަހުމަދުގެ އިތުރުން މ. ކުދެހިގެ، އިސްހާގު އަށާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު އަދި މއ. ފޭރުގެ، މުޖާޒް އަހުމަދު އާއި، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.

މި ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން، އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސެއްގެ އިތުރުން، އިނގިރޭސިވިލާތުގެ މީހަކަށް ވެސް އަނިޔާވެފައިވެ އެވެ.