ފައިސާއަކުން އުފާވެރިކަމެއް ނުގަނެވޭނެ އެވެ. މިއީ އެންމެ ކުޑައިރުއްސުރެ ވެސް އަހަރުމެން އަޑު އަހަމުން އައި ބަސްކޮޅެކެވެ. ފައިސާއިން ލިބޭ އުފަލަކީ ވަގުތީ އުފަލެއް ކަމަށާއި މާގިނައިން ފައިސާ ލިބޭނަމަ މީހުންގެ ދިރިއުޅުމުގައި އޭގެ އަގު ގެއްލޭކަމަށް ކުރިން ހެދިފައިވާ ދިރާސާ ތަކުން ދައްކާފައިވެ އެވެ.

ދާދި ފަހުން އެމެރިކާގައި ހެދި ދިރާސާއަކުން މިވަނީ މިވާހަކަތައް ދޮގުކޮށްފަ އެވެ. އެ ދިރާސާގައި ބުނާގޮތުން ގިނައިން ފައިސާ ލިބުނު ވަރަކަށް އިންސާނާގެ އުފާވެރިކަން އިތުރުކޮށްދެ އެވެ.

ފައިސާއަކީ ކޮންމެ އިންސާނަކު ވެސް އެ މީހަކު ދިރިއުޅެން ބޭނުންވާ ގޮތް އަމިއްލައަށް އިޚްތިޔާރުކުރުމަށް މަގުފަހި ކޮށްދޭ އެއްޗެއް ކަމަށް ވީއިރު ފައިސާ މެދުވެރިއެއްގެ ގޮތުގައި އިންސާނާއަށް އޭނާގެ ދިރިއުޅުމުގެ ކޮންޓްރޯލްލިބުމަކީ އޭގެ ސަބަބުން އުފާވެރިކަން ލިބޭކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާއިން ކުރިއަށް ގެންދިޔަ މި ދިރާސާގައި އިންސާނުންގެ އުފާވެރިކަން މިނުމުގައި ބަލާފައިވަނީ އެ މީހެއްގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ސިއްހަތުގެ އިތުރުން އާއްމު ދިރިއުޅުމުގެ ފެންވަރަށެވެ.

ގިނައިން ފައިސާ ލިބުމަކީ މި ހުރިހާ ކަމަކަށް ވެސް އޭގެ އަސަރުކުރާ ކަމެއް ކަމަށް މި ދިރާސާގެ ނަތީޖާތަކުން ދައްކަ އެވެ. ހާއްސަކޮށް ކޮވިޑް -19 ޕެންޑަމިކް ފަދަ ހާލަތެއްގައި ފައިސާއަކީ އުފާވެރިކަމުގައި ވަރަށް ބޮޑު ހިއްސާއެއް ކަމަށް ދިރާސާގައިވެ އެވެ.

ފައިސާ ނޫނަސް އިންސާނާގެ އުފާވެރިކަމަށް އަސަރު ކުރާ ކިތަންމެ ކަމެއް ހުންނާނެ އެވެ. ނަމަވެސް އާއްމު ނުސޫލެއްގެ ގޮތުން ގިނައިން ފައިސާ ލިބުމަކީ އެ މީހަކު އުފަލުގައި ހުންނަން އެހީވެދޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.