އިންޑިޔާއާއެކު މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ ހާޑްކޮޕީ ނުދައްކަން ނިންމާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އިންޑިޔާ އެއްބަސްވުންތަކުގެ މައްސަލަ ނިންމާލައިފި އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ 241 ކޮމިޓީން މައްސަލަ ނިންމާލީ އިންޑިޔާގެ އެއްބަސްވުންތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ހެދުމަށް ވެވުނު އެއްބަސްވުމާއި ހަނިމާދޫގައި އިންޑިޔާގެ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާ ބޯޓު ބާއްވައިގެން އޮޕަރޭޓް ކުރުމަށް ވެވުނު އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރަފީ ދިރާސާ ކުރަން އިންޑިޔާއަށް ހަވާލުކުުރުމަށް ވެވުނު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށްޓަކައި މިމައްސަލަ 241 ކޮމިޓީއަށް ހުށައެޅުއްވީ އެކޮމިޓީގައިވެސް އިންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ. އާދަމް ޝަރީފްގެ އިތުރުން އެކޮމިޓީގައި އިދިކޮޅުން ދެން އިންނަވަނީ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނެވެ. މިރޭގެ ބައްދަލުވުމުގައި އެ ދެބޭފުޅުން ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.

އެއްބަސްވުންތަކުގެ ކޮޕީ ކޮމެޓީއަށް ހޯދުމަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަހުމަދު އުޝާމް އެވެ. އުޝާމް ވިދާޅުވީ އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައާ ގުޅިގެން ކޮމެޓީން ތައްޔާރުކުރި ރިޕޯޓް ކޮމެޓީގެ ވަޓްސްއަޕް ގުރޫޕްގައި ހިއްސާކުރި ނަމަވެސް އެ ފައިލް ނުހުޅުވޭ ކަމަށާ އެކަން މުގައްރިރުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ރިޕޯޓް މުޅީން ފެނިވަޑައިގަތީ މިއަދު ކަމަށްވާތީ އެއްބަސްވުންތަކުގައި ހުރި އެއްޗެއް ބެލުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިހުށައެޅުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ތާއީދު ކުރެއްވި އެވެ. ނަމަވެސް ހުށައެޅުން އެމްޑީޕީގެ މެންބަރުން ވަނީ ފެއިލް ކޮށްލާފަ އެވެ.

މަޖިލީހުގެ ކޮމިޓީތަކަށް އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓްރީން މިއިން އެއްވެސް އެއްބަސްވުމެއްގެ ހާޑް ކޮޕީ މެމްބަރުން އަތަށް ދީފައި ނުވެއެވެ. ހަމައެކަނި ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި އެއްބަސްވުންތައް ދައްކާލިއިރު ދައްކާފައިވަނީ ފުރިހަމަ އެއްބަސްވުންކަން ވެސް މެމްބަރުންނަށް ކަށަވަރު ނުކުރެވެ އެވެ. އެއްބަސްވުންތަކުން ހާމަވެފައިވަނީ އިންޑިޔާ ސިފައިން ރާއްޖޭގައި އެބަތިބި ކަމެވެ. ހަމައެކަނި ދެ ހެލިކޮޕްޓަރާއި ޑޯނިއަރ ދުއްވަންވެސް 75 ސިފައިން ތިބިކަމަށް ޑިފެންސް މިނިސްޓަރ ވަނީ އެއްބަސްވެފަ އެވެ. އަދި މިއެއްބަސްވުންތައް ހަދާފައިވަނީ ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާގޮތަށްކަންވެސް ވަނީ ހާމަވެފަ އެވެ.