ސައްހަ ތަހުގީގާއި ސައްހަ ދައުވާކުރުމުން ރާއްޖެ ގެނެވޭނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު މިހެން ވިދާޅުވީ އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް ނެތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ހަވީރު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ބަސް ދޮގުކުރައްވަމުންނެވެ. އެގޮތުން އެއަށް ރައްދުދެއްވައި އޭނާ ވަނީ އޭނާ ރާއްޖެ ގެންދެވޭނެ ކަމަށް ބުނެފަ އެވެ.

އެކަން ކުރެވޭނީ ސައްހަ ތަހުގީގަކުން ސައްހަ ދައުވާ ކޮށްގެން ކަމަށް އަލީ ވަހީދު ވަނީ ބުނެފަ އެވެ. އަދި އެފަދައިން ދައުވާ ކުރުމުން ކޮންމެ ގައުމަކުން ވެސް ބަލާނެކަން ފާހަގަކޮށް އަލީ ވަހީދު ބުނީ ފްރޭމްކުރުމުގެ މަގުސަދުގައި ތުހުމަތުކޮށް، އޭނާ އަށް ތުހުމަތުކުރެވޭ ކުށް ކޯޓުގައި ބަޔާން ނުކޮށްދެވޭކަމަށްވާނަމަ، އެކަން އެހެން ގައުމުތަކުންނެއް ނުބަލާނެ ކަަމަށެވެ.

އޭގެ އިތުރުން އަލީ ވަހީދު ވަނީ ނިޒާމުގެ ތެރެއިން ޖަވާބުދާރީވާން ހުރީ ތައްޔާރަށް ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ނުފޫޒުގެ ބޭނުން ހިފައިގެން ދޮގު ދައުވާތަކެއް ކުރާކަށް ފުރުސަތެއް ނުދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާ އުފުލާފައިވާއިރު، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށް ފަހު އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތައް އޭނާ ދޮގުކުރާއިރު، އޭނާ ވަނީ އެ ތުހުމަތުތަކަކީ ފްރޭމްކުރަން ކުރިކަމެއް ކަމަށް ބުނެފަ އެވެ. އަދި އެ ކަމުގެ ފަހަތުގައި ތިބީ އެމްޑީޕީގެ ބައެއް ބޭފުޅުން ކަމުގައި އޭނާ ވިދާޅުވި އެވެ.