ލަންކާގެ ތިން ބޯޓެއް ޖޫރިމަނާ ނުދެއްކުމުން ދައުވާކުރުމަށް ފިޝަރީޒް މިނިސްޓްރީން ބަންޑާރަނައިބު އޮފީހަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު މައްސަލައާއި ގުޅިގެން ތިން ބޯޓެއް ޖޫރިމަނާކޮށްފައިވާއިރު، އެ ތިން ބޯޓަށް ވެސް ޖޫރިމަނާ ދެއްކުމަށް ބުނެފައިވާ މުއްދަތު ހަމަވެ ދިއުމުން ވެސް ޖޫރިމަނާ ދެއްކިފައެއް ނުވެ އެވެ.

މި މައްސަލައާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދު ވަނީ މި މައްސަލައިގައި "މަނޯޖު ބޯޓް" އާއި، "ޕުޝްޕާ ކުމަރާ" ގެ އިތުރުން "ނެގަންބޯ މެރައިން" އަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެބޯޓުތައް ޖޫރިމަނާ ކުރީ ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މި ސަރަހައްދުތަކަށް ގަވާއިދާއި ހިލާފަށް ވަދެ އުޅުން މަނާވާތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިފަދައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޯޓުތައް ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށް އޭނާ ވަނީ އެތަނުން ބައެއް ބޯޓުތައް ޖޫރިމަނާ ދެއްކުމަށްފަހުގައި ފުރާފައިވާކަމަށް ބުނެފަ އެވެ. އަދި ދައުވާކުރަން ފޮނުވީ އޭގެތެރެއިން ޖޫރިމަނާ ނުދައްކާ ބޯޓުތަކަށް އޭނާ ވަނީ ބުނެފަ އެވެ.