ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ އޮތޯރިޓީ އުވާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެވެ. އެގޮތުން ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ.
މެމްބަރު ޒިޔާޒު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެ އޮތޯރިޓީން ކުރަމުން ގެންދާ މަސްއޫލިއްޔަތުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ރައްޔިތުން މަޖިލީހަށް އެ ބިލް ހުށަހަޅާފަ އެވެ.
މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އެ އޮތޯރިޓީ އުވާލުމަށް ބޭނުންވާކަން ފާހަގަކޮށްފަ އެވެ. އަދި އެ އޮތޯރިޓީގެ ބޯޑުން ޓްރާންސްޕޯޓު މިނިސްޓަރު ބޭނުންފުޅުވާ ގޮތަށް ކަންކަން ނުކުރެވޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީއަކީ ނިމިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީ އުވާލުމަށް އުފެއްދެވި ތަނެކެވެ. އެހެން ނަމަވެސް މި ސަރުކާރުގައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އަލުން ގާއިމުކޮށްފަ އެވެ.