ޔޮންގްޔެންގް (25 ނޮވެމްބަރު) - ނެޓްފްލިކްސްގެ ހިޓް ސީރީސްއެއް ކަމަށްވާ ސްކުއިޑް ގޭމް އުތުރު ކޮރެއާއަށް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށާއި އެ ސީރީޒް ބަލާ މީހުންނަށް ހަރުކަށި އަދަބު ދޭން އެ ގައުމުން ފަށައިފި އެވެ.

އެގޮތުން ގަވާއިދާ ޚިލާފަށް އެ ގައުމުގައި ސްކުއިޑް ގޭމްގެ ވިޔަފާރިކުރި މީހަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އެ ސީރީޒް ގަނެގެން ބެލި ފުރާވަރުގެ ޒުވާނަކު އުމުރަށް ޖަލަށްލުމަށް ވެސް އެ ގައުމުގެ އަދާލަތުން ވަނީ ހުކުމް ކޮށްފަ އެވެ.

އުތުރު ކޮރެއާގެ މަސްދަރުތަކާ ހަވާލާދީ ރޭޑިއޯ ފްރީ އޭޝިއާ (އާރްއެފްއޭ)އިން ބުނީ މި ދެ މީހުންގެ އިތުރުން ވެސް ސްކުއިޑް ގޭމް ބެލި ހަ ސްކޫލް ދަރިވަރަކު ފަސް އަހަރު ދުވަހު ލޭބަރުކަން ކުރުމަށް ވެސް ހުކުމް ކޮށްފައިވާ ކަމަށެވެ. އެއާއެކު އެ ދަރިވަރުންގެ ސުޕަވައިޒަރުންނާއި ޓީޗަރުންގެ އިތުރުން ސްކޫލް އެޑްމިނިސްޓްރޭޓަރުންނަށް ވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ދެކުނު ކޮރެއާގެ އުފެއްދުމެއް ކަމަށްވާ ސްކުއިޑް ގޭމްއިން ފެނިގެންދަނީ ދަރަނި އެޅިފައިވާ ބަޔަކު ފައިސާގެ ބޮޑު އިނާމަކަށް ފުރާނައަށް ނުރައްކާވާ ފަދަ ގޭމްތަކެއްގައި ބައިވެރިވާ ތަނެވެ.

ސްކުއިޑް ގޭމްއަކީ ދެކުނު ކޮރެއާގެ އަނިޔާވެރި ސަގާފަތް ދައްކުވައިދޭ ސީރީޒްއެއް ކަމަށް އުތުރު ކޮރެއާއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ ގައުމުގެ ސަރުކާރުން މިކަން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި އެފަދަ އަނިޔާވެރިކަމަށް އުތުރު ކޮރެއާގައި ޖާގައެއް ނެތް ކަމަށް މަސްދަރުތަކުން ބުނެފައިވެ އެވެ. – ޑެއިލީ މެއިލް