ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕަންސީ އާއި އަގުތައް ކޮވިޑްގެ ކުރީގައި ހުރި ވަރަށް ވުރެ އެތައް ގުނައެއް އުފުލިއްޖެ އެވެ. ރިސޯޓުތަކުގެ މުވައްޒަފުންނާއި ޓޫރިސްޓުންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަން ތިބޭ އެއާޕޯޓުގެ މުވައްޒަފުން ވެސް އިންތިހާއަށް ބިޒީވެއްޖެ އެވެ. އެ އެންމެންގެ މޫނުމަތިން ވެސް މިހާރު ފެންނަނީ އުފާވެރިކަމެވެ.

ނަމަވެސް އެ އުފާވެރިކަން މޫނުމަތިން ފެނުނަސް އެ މީހުންގެ ހިތްހަމަނުޖެހުމާއި ޝަކުވާތައް ރާއްޖެ އަންނަ މެހުމާނުންނަށް ވަނީ ފޮރުވައިފަ އެވެ. ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތިބޭ މީހުންގެ މޫނުމަތިން އެއްވެސް ނުތަނަވަސް ކަމެއް ނުފެނުނަސް، އެ މީހުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑެވެ. އެ މީހުންގެ ހިތުގައި އޮންނަ އެއްޗެއް ޓޫރިސްޓުންނަށް ފޮރޮވިޔަސް، ކޮންމެ ދުވަހަކު ވެސް ޓޫރިސްޓުން އެ މީހުންގެ ޝަކުވާތައް ދަނީ އޮއްސަމުންނެވެ. ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ ތެރެއިން ގިނައީ މެދުފަންތީގެ މީހުންނެވެ. އަދި ރާއްޖެ އަންނަ މުއްސަނދިގެން އަދަދު ވެސް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ މައިގަނޑު ޝަކުވާއަކީ މިއެވެ؛ އެއާޕޯޓަށް ނުޖެއްސި ލަސްވުމާއި އެއާޕޯޓުގެ ހިދުމަތްތައް ލަސްވުމާއި، މުއްސަނދިންގެ ޖެޓްތައް ޕާކުކުރާނެ ޖާގައެއް ނުލިބުމާއި ސީއައިޕީ އަދި ވީއައިޕީ ލައުންޖުގެ ޖާގަ އަބަދުހެން ކަހަލަ ގޮތަކަށް ފުލްވެފައި އޮތުމެވެ. މި ޝަކުވާތައް ހިފައިގެން ރިސޯޓުތަކުން އަބަދުހެން ކަހަލަ ގޮތަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވެރިންގެ ފަހަތުން ދުވަ އެވެ. ނަމަވެސް އެއަޑުތައް އިވޭ ކަމަކަށް ވެސް އެވެރިން ނުހަދަ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި. ފޮޓޯ: އަބީދު | ހުރިހާ

އެންމެ ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވެރިއަކަށް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ވަނީ ކުއްލި ގޮތަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ސަބަބެއް ވެސް ނޭނގެ އެވެ. އަހަރަކަށް ވުރެ ގިނަ ދުވަހު މަގާމުގައި ހުރިއިރު ގޮނޑި ހޫނުކުރުން ފިޔަވައި އިތުރު ކަމެއް ނުވެ އެވެ.

ބޮޑު މުސާރައާއެކު އިނގިރޭސިވިލާތުންނާއި އެކި ގައުމުތަކުން އެކިވަރުގެ ވެރިން ގެނެސް، އެއާޕޯޓުގެ ހިދުމަތަށް ގެނައި ބަދަލެއް ފެންނާކަށް ނެތެވެ. އެންމެ ފަހުން ސީޒަންގެ އެންމެ ބާރުބޮޑު ދުވަސްވަރު އެއާޕޯޓުގެ ހުރިހާ ކަމެއް މިވަނީ ބޮއްސުންލައިފަ އެވެ. އިވެނީ ހުރިހާ ދިމާލަކުން ވެސް ޝަކުވާގެ އަޑެވެ.

ޓޫރިޒަމްގެ މަލަމަތި ފެންނަނީ އުޖާލާކޮށް

ރާއްޖޭގެ މައި ދޮރާށީގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ކޮވިޑާ ގުޅިގެން ޓޫރިޒަމަށް އެޅުނު ހިޔަނި ވަނީ ފިލައިގެން ގޮސްފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް 555،000 ޓޫރިސްޓުން އައިއިރު މި އަހަރު ނިމޭއިރު އެ އަދަދު 1.2 މިލިއަނާ ކައިރިކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް މިހާރު އަންނަނީ ކޮވިޑްގެ ކުރީގެ ހާލަތަށް ވުރެ ވެސް ރަނގަޅުވަމުންނެވެ. އެ މަންޒަރު ރިސޯޓުތަކުން އަންނަނީ ފެންނަމުންނެވެ. ކުރިޔަށް އޮތް ސީޒަނަށް ގިނަ ރިސޯޓުތަކުގެ އޮކިއުޕަންސީ ފުލްވެފަ އެވެ. މިދިޔަ އަހަރު ނުވިކިގެން "ގަންނާނެ ބާ" އެޅުވި ރިސޯޓުތަކުގެ ކޮޓަރިތައް ނުލިބިގެން ޓުއާ އޮޕަރޭޓަރުން ރިސޯޓުތަކުގައި އާދޭސްކުރަނީ އެވެ. އޮންލައިން ބުކިންތައް ވެސް ފުލުފުލުގައި ރިސޯޓު ދަނީ ލިބެމުންނެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު.

ގިނަ އަދަދެއްގެ ރިސޯޓު ހިންގާ ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު އަދި ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން މި ނޮވެމްބަރު މަހަކީ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ނޮވެމްބަރު މަހަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބުން ތަފުސީލް ދެއްވަމުން ނަޒީރު ވިދާޅުވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ވުރެ މިމަހުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 30 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ނަޒީރު ވިދާޅުވީ ދުނިޔޭގެ ގިނަ މަންޒިލްތައް އަދިވެސް ޓޫރިސްޓުންނަށް ހުޅުވާ ނުލާތީ ކަމަށެވެ.

"ރާއްޖެއާއި ޑުބާއީ މުޅި ދުނިޔެއިން ވެސް އެންމެ ފުރަތަމަ ހުޅުވާލީ. އޭގެ ސަބަބުން މިހާ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަން ފަށާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 80 ޕަސެންޓަކީ ޓްރެވަލް އެޖެންޓުންނާއި އޮންލައިންކޮށް ބުކިން ހަދައިގެން އަންނަ ޓޫރިސްޓުން ކަމަށެވެ.

"އަދިވެސް ގިނައިން މިއަންނަނީ އެޖެންޓުން މެދުވެރިކޮށް އަންނަ މީހުން. ޓޫރިޒަމް މިހާ ބޮޑަށް ރަނގަޅުވެގެން ދިޔައީ އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ކުރިޔަށް އޮތް ހަތަރު މަސް ދުވަހަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން އަންނަ ސީޒަނަށް ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިއިން ދުވަހަކު ވެސް ވިންޓާގައި ޓޫރިސްޓުން ނާންނަ މިންވަރަށް މިފަހަރު ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ. މިދުވަސްކޮޅު ޔޫރަޕުގައި ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް އޭގެ މާބޮޑު އަސަރެއް ރާއްޖެއަށް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

މިއިން ދުވަހަކު ވެސް ވިންޓާގައި ޓޫރިސްޓުން ނާންނަ މިންވަރަށް މިފަހަރު ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ. މިދުވަސްކޮޅު ޔޫރަޕުގައި ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް އޭގެ މާބޮޑު އަސަރެއް ރާއްޖެއަށް ނުކުރާނެ،
ކްރައުން ނަޒީރު

ނަޒީރު ވިދާޅުވީ ތައިލެންޑާއި އިންޑޮނޭޝިއާ އަދި މެލޭޝިއާ، ސިންގަޕޫރު، ސްރީލަންކާ އަދި އިންޑިއާ ފަދަ ގައުމުތައް ވެސް ޓޫރިސްޓުންނަށް ހުޅުވާލުމުން އަންނަ އަހަރުގެ ސީޒަނުގައި އަސަރު ފެންނާނެ ކަމަށެވެ.

"މިފަހަރުގެ ސީޒަން މިދިޔަ އަހަރާއި އަދި އޭގެ ކުރީ އަހަރަށް ވުރެ ރަނގަޅުވާނެ. އޭގެ ހެޔޮ ނަތީޖާ ވެސް ފެންނަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އޮކިއުޕަންސީ ފުލްވެ، ގިނަ ރިސޯޓުތަކުގެ އަގު އުފުލިއްޖެ

ރާއްޖޭގެ އެންމެ އެނދު ގިނަ ރިސޯޓުތަކުގެ ތެރޭގައި ވިލާ ހޮޓެލްސްގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ފަތުހީ ވިދާޅުވީ އެ ރިސޯޓުގެ އޮކިއުޕަންސީ އާއި އަގުތައް ވެސް ކޮވިޑްގެ ކުރީގެ ހާލަތަށް ވުރެ އުފުލިފައިވާ ކަމަށެވެ.

"މިހާރު ވެސް ރިސޯޓު މިއޮތީ ގާތްގަނޑަކަށް ފުލްވެފައި. މިދިޔަ އަހަރު މިދުވަސް މިއާ ކައިރި ވެސް ނުކުރެވޭ. ނަމަވެސް މިހާރު ޓޫރިސްޓުން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.

ފަތުހީ ވިދާޅުވީ އެ ރިސޯޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އަންނަ ކަމަށެވެ.

"މިހާރު ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ޑިމާންޑް ވަރަށް މަތި. އެހެންވުމުން ރޭޓްތައް ވަނީ އެތައް ގުނައެއް ބޮޑުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މާލެ ކައިރީގައި ހިންގާ އެންމެ އަގުބޮޑު އެއް ރިސޯޓުގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ އެ ރިސޯޓުގެ ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ.

"ރޫމް ރޭޓްތައް ވަރަށް މަތިން އުޅެނީ. ކޮވިޑް އައުމުގެ ކުރިން ޖެހެނީ ޓްރެވަލް އެޖެންޓު މީހާ ބުނާ ރޭޓަކަށް އެއްބަސްވާނީ. އެކަމަކު މިހާރު ޖެހޭނީ ރިސޯޓުން ބުނާ އަގަށް އެއްބަސްވާން،" އޭނާ ވިދާޅުވި އެވެ.

ރޫމް ރޭޓްތައް ވަރަށް މަތިން އުޅެނީ. ކޮވިޑް އައުމުގެ ކުރިން ޖެހެނީ ޓްރެވަލް އެޖެންޓު މީހާ ބުނާ ރޭޓަކަށް އެއްބަސްވާނީ. އެކަމަކު މިހާރު ޖެހޭނީ ރިސޯޓުން ބުނާ އަގަށް އެއްބަސްވާން،
ރިސޯޓެއްގެ އިސް އޮފިޝަލެއް

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގައި ކޮވިޑްގެ ކުރިން ރެއަކަށް 2،500 ޑޮލަރަށް ވިއްކި އެންމެ ދަށް ކޮޓަރި އެންމެ ކޮޓަރީގެ އަގު މިހާރު ވަނީ 3،200 ޑޮލަރަށް އުފުލިފަ އެވެ. އަދި ބައެއް ރިސޯޓުތަކުގައި ރެއަކަށް 75،000 ޑޮލަރަށް ވެސް އެބަ ވިއްކަ އެވެ.

މާލެ ކައިރީގައި ހިންގާ ލަގްޒަރީ ރިސޯޓެއްގެ އޮފިޝަލަކު ވިދާޅުވީ މިފަހަރުގެ ފެސްޓިވް ސީޒަނަށް ރިސޯޓު އެއްކޮށް އޮތީ ފުލްވެފައި ކަމަށެވެ. އަދި ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު ވެސް މިފަހަރު ވަރަށް މައްޗަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑާއި ޝެވަލްބްލަންކް، ވޯލްޑޮފް އެސްޓޯރިއާ، ރިޓްޒްކާލްޓަން އަދި ރީތިރަށް ރިސޯޓު ކަހަލަ ރިސޯޓުގެ ސާވިސް ޗާޖު މި ސީޒަން ތެރޭގައި 4،000 ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ލަފާކުރެ އެވެ.

"މިދިޔަ ސީޒަންގައި ވެސް އަޕްމާކެޓް ލަގްޒަރީ ރިސޯޓުތަކުގެ ސާވިސް ޗާޖު ތިންހާސް ޑޮލަރަށް އެރި. މިފަހަރު އެ އަދަދު ހަތަރު ހާހަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޓޫރިސްޓުންގެ އަދަދު އިތުރުވި އިރު އެއާޕޯޓުގެ ހިދުމަތް "ސުމެއް"

މާލެ ކައިރީގައި ހިންގާ ލަގްޒަރީގެ ރިސޯޓެއްގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑްގެ އެންމެ ބާރު ބޮޑުވި ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި "ބޫމް" އައިއިރު ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ލަދުން މިވާހަކަ ދައްކަން ނުކެރިފައި. މިތަނަށް ދުނިޔޭގެ އެންމެ މުއްސަނދިން އަންނައިރު ބޯޓު ނުޖެއްސި މަތީގައި ދެގަޑިއިރު ހޭދަކުރަން އެބަ ޖެހޭ. އެއާޕޯޓަށް ނުފޭބެނީސް ރާއްޖެއާ މެދު ދެކޭ ގޮތް މުޅިން ގޯސްވީ،" އޭނާ ވިދާޅުވި އެވެ. "ކާކު މިކަމަށް ޒިންމާ ވަނީ. މިއީ އަޅުގަނޑުމެންނަށް މިހާރު ކޮންމެ ދުވަހަކު ގެސްޓުންގެ ފަރާތުން އަންނަ ޝަކުވާ."

ރަޝިއާގެ އެއިރޯފްލޮޓްގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އެމްއޭސީއެލް

އެ އޮފިޝަލް ވިދާޅުވީ ކުރިން އުއްމީދުކުރީ މިފަހަރުގެ ސީޒަނާ ދިމާކޮށް ސީޕްލޭން ޓާމިނަލާއި އާ ރަންވޭ އަދި އެއާޕޯޓުގެ ސީއައިޕީ/ ވީއައިޕީ ލައުންޖް ހުޅުވާނެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވުމުން ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަސްލު ބޫމް އައިއިރު މިތަނުގެ ހާލަތު މިއޮތީ އޮތް ގޮތް. މުއްސަނދި މަހުޖަނުން މިތަނަށް އެތައް ލައްކަ ޑޮލަރެއް ހޭދަކޮށްފައި އަންނައިރު އެއާޕޯޓުގައި ޖެޓް ޕާކުކުރާނެ ޖާގައެއް ނެތް. އަބަދު އެމްއޭސީއެލް އިން ބުނަނީ ސީއައިޕީ ލައުންޖްގެ ޖާގައެއް ނެތް ކަމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

އަސްލު ބޫމް އައިއިރު މިތަނުގެ ހާލަތު މިއޮތީ އޮތް ގޮތް. މުއްސަނދި މަހުޖަނުން މިތަނަށް އެތައް ލައްކަ ޑޮލަރެއް ހޭދަކޮށްފައި އަންނައިރު އެއާޕޯޓުގައި ޖެޓް ޕާކުކުރާނެ ޖާގައެއް ނެތް. އަބަދު އެމްއޭސީއެލް އިން ބުނަނީ ސީއައިޕީ ލައުންޖްގެ ޖާގައެއް ނެތް ކަމަށް،
ރިސޯޓެއްގެ އިސްވެރިއެއް

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަދެއްކި ލަގްޒަރީ ރިސޯޓެއްގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓުގެ އާ ސީއައިޕީ ލައުންޖް އަންނަ ޖެނުއަރީގެ ކުރިން ނުހުޅުވޭނެ ކަމަށް އެމްއޭސީއެލްގެ ކުރީގެ އެމްޑީ ވިދާޅުވި އެވެ. އަދި އެތަން ހުޅުވުން ލަސްވުމުން ރާއްޖެ އަންނަ މަހުޖަނުންނާއި ސެލެބްރިޓީންނަށް ސީއައިޕީން ޖާގަ ލިބުން ވަރަށް ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ އަންނަ މަހުޖަނުންނާއި މަޝްހޫރު މީހުންނަށް އެންމެ މުހިންމު ތަނަކީ ލައުންޖު. މިހާރު ހުރި ތަނުގެ ޖާގަ އަބަދު އޮންނަނީ ފުލްވެފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ރައީސް ސޯލިހު މިދިޔަ އަހަރު ފަހުކޮޅު ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓުގައި މަސައްކަތްކުރާ ރާއްޖޭގެ އަގު ބޮޑު ރިސޯޓެއްގެ ރެޕަކު ބުނީ ހަވީރު އަންނަ ފްލައިޓްތައް ނުޖެއްސި އަދި ޖައްސައިގެން ވެސް ޓޫރިސްޓުންނަށް ނުނިކުމެވި ލަސްވުމުން ކޮންމެ ދުވަހަކު އެތައް ބައެއްގެ ސީޕްލޭން ޓްރާންސްފާ ކެންސަލްވަމުންދާ ކަމަށެވެ.

"ދެން އަޅުގަނޑުމެން މިޖެހެނީ ރޭގަނޑު ޑޮމެސްޓިކް ފްލައިޓަކުން ޖާގަ ހޯދައިގެން ރިސޯޓަށް ފޮނުވަން. އެވެސް ގިނަ ދުވަހު އޮންނަނީ ޖާގަ ފުލްވެފައި،" އޭނާ ބުންޏެވެ.

ކޮވިޑްގެ މޮޅިވެރި ދުވަސްތަކަށް ފަހު އުއްމީދުގެ އަލިކަން ފެންނަން ފެށިއިރު، ރާއްޖޭގެ މައި ދޮރާށީގެ ހާލަތު ރަނގަޅު ނުވުމަކީ ސަރުކާރާއި އެމްއޭސީއެލްގެ ވަރަށް ބޮޑު ފެއިލްވުމެކެވެ. ބަހަނާ ނުދައްކައި އެއާޕޯޓުގައި ނިންމާފައި ހުރި ތަންތަން ހުޅުވައި ހިދުމަތް ނުދެވެންވީ ސަބަބެއް ނެތެވެ. އެހެން ނޫނީ ރާއްޖެ އަންނަ މެހުމާނުންގެ ތަސައްވުރު ކިލަނބުވުން ނޫން ކަމެއް ނުވާނެ އެވެ.