މިހާރު މިއޮތް ސަރުކާރު ފެންނަނީ އިންޑިޔާއަށް ގޮސް ހުސްވެފައިވާތަން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އަވަސް ނޫހުން ގެނެސްދޭ ސުވާލަކަށް ފަހު ސުވާލެއް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހަަމަހަމަ ކަމެއް ނެތުމާއި ވަކި ގައުމަކަށް ހުސްވެފައި އޮންނަ ކަހަލަ ގޮތަކަށް ފެނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އަޅުގަނޑަށް މި ފެންނަނީ ވަރަށް ބޮޑަށް އިންޑިއާއަށް ގޮސް ހުސްވެފައި އޮންނަ ކަހަލަ ގޮތަކަށް އިނގޭތޯ. އެއީ އަޅުގަނޑަށް އިޝޫއެއް. އެއީ އަޅުގަނޑުމެންގެ އިންޑިޕެންޑެންސް ކޮމްޕްރޮމައިސް ވާތީ،" ދުންޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ދުންޔާ ވަނީ ހާރިޖީ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭ އެއްވެސް ލީޑަރަކު ވަކި ގައުމަކަށް ރާއްޖެ ބަރޯސާކޮށްފައި ނުބާއްވާނެ ކަމަށްވެސް ދުންޔާ ވިދާޅުވި އެވެ، އެއީ ގައުމާއި ރައްޔިތުންނަށް ގެއްލުން ބޮޑު ގޮތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ދުންޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކާނަލް ނާޒިމްގެ ޕާޓީ އެމްއެންޕީގެ ނައިބު ރައީސެކެވެ. ނަމަވެސް އިންޑިޔާއާއެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އެކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ސުވާލުކުރައްވާފައެއް ނުވެ އެވެ. ކާނަލް ނާޒިމްއާއި އެޕާޓީގެ އަނެއް ނައިބު ރައީސް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާއި އިންޑިޔާ ސަރުކާރާ ގާތް ގުޅުމެއް އޮންނަކަމަށާއި އެހެންކަމުން އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް އެއްޗެއް ބުނަން އެބޭފުޅުން ޖެހިލުވެ ވަޑައިގަންނަވާނެ ކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.