ކޮވިޑް 19 ގެ އާ ވޭރިއެންޓެއް ފެނި ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ފަށައިފި އެވެ.

އަލަށް ފެތުރެމުންދާ ވޭރިއެންޓް ކަމަށްވާ އޯމިކްރޯން އެންމެ ފުރަތަމަ ދެކުނު އެފްރިކާއިން ފެނިފައިވާއިރު، ގިނަ ގައުމުތަކުން ވަނީ އެފްރިކާގެ ގައުމުތަކަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ.

އެނގިފައިވާގޮތުގައި މިހާތަނަށް އޯމިކްރޯން ފެތުރުމާއި ގުޅިގެން ސައުދީންނާއި، އެމެރިކާ، އަދި ސްވިޒަލޭންޑް އިން ވަނީ ދެކުނު އެފްރިކާގެ ހަތް ގައުމުކަމަށްވާ ނެމީބިއާ، ބޮޓްސްވާނާ، ޒިމްބާބްވޭ، މޮޒަމްބީކް، ލެސޯތޯ އަދި އެސްވަތީނީއަށް ކުރާ ދަތުރުތައް މެދުކަނޑާލާފަ އެވެ.

މިކަމާއި ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ ރިޔާސަތުން ބުނީ ދެކުނު އެފްރިކާގެ ގައުމުތަކަށް ދަތުރުކުރުން ވަގުތީގޮތުން މެދުކަނޑާލަން ޖެހުނީ މި އައު ވޭރިއަންޓް އެގައުމުން ފެނި ހަލުވިކަމާއި އެކު ފެތުރެމުން ދިއުމާއި ގުޅިގެން ކަމަށެވެ. އަދި އެ ޔޫނިއަން ކޮމިޓީގެ ސިއްހީ މާހިރުންނާއި ލަފާދީ ވަނީ އިމަޖެންސީ ބްރޭކް އެކްޓިވޭޓް ކުރަން އެއްބަސްވެފަ އެވެ.

އެހެންނަމަވެސް މި ވޭރިއަންޓް ފެތުރުމާއި ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅަކާއި މެދުގައި ވަކި ގޮތެއް މިހާތަނަށް ނުނިންމާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ. މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތުދެމުން އެޗްއީއޯސީގެ އޮފިޝަލަކު ވަނީ އައު ވޭރިއަންޓް އިން ރައްކާތެރިވުމަށް އަދި ވަކި ފިޔަވަޅެއް ނާޅާ ކަމަށާއި، ނަމަވެސް އެކަމާއި މަޝްވަރާކުރަމުން ގެންދާކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 ގެ މި އައު ވޭރިއަންޓް އެކި ގައުމުތަކުގައި ހަލުވި ދުވެއްޔެއްގައި ފެތުރެމުންދާއިރު، މި ވޭރިއެންޓް ޖެހުމުން ދިފާއީ ނިޒާމު ވަރަށް ދަށްކޮށްލާކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. އެއާއި އެކު އެކި ގައުމުތަކުން ދަނީ މި ވޭރިއެންޓް ފެތުރުނަ ނުދީ ހުއްޓުމަށްޓަކައި އެގައުމުތަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަމުންނެވެ.