މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ވ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ.

މެޓް އިން ސަމާލު ނެރުނީ މިއަދުގެ ހެނދުނު 7:42 ގަ އެވެ. އަދި މިއަދުގެ ހެނދުނު 8 އިން ފެށިގެން މެންދުރު 2 ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

މެޓުން މީގެ ކުރިން މޫސުމަށް ސަމާލުވުމަށް އަންގާފައި ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. އެ އަތޮޅުތަކަށް ވެސް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރާ ކަމަށް މެޓް އިން ވަނީ ބުނެފަ އެވެ. އަދި މި ވަގުތުތަކުގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.