ޚަރްތޫމް (29 ނޮވެމްބަރު) - ސޫދާނުގައި ހިންގި އަސްކަރީ ބަޣާވާތުގެ އިސްވެރިޔާ ޖެނެރަލް އަބްދުލްފައްތާހު އަލް ބުރްހާންއާއެކު ވެވުނު ސިޔާސީ އެއްބަސްވުމުގައި އެއްވެސް ޒާތީ ފައިދާއެއް ނުހިމެނޭ ކަމަށް އެގައުމުގެ ބޮޑު ވަޒީރު އަބްދުﷲ ހަމްދޫކް ވިދާޅުވެއްޖެ އެވެ.
"އެއްބަސްވުމަށް އައުމަށްޓަކައި އެއްވެސް ޒާތީ ފައިދާއެއް ބޮޑުވަޒީރު ނުހޯއްދަވާ. މި އެއްބަސްވުމަކީ ގައުމަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުމެއް. މި އެއްބަސްވުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ ގައުމުގައި ޑިމޮކްރަސީ ގާއިމު ކުރެވޭނެ،" ހަމްދޫކްގެ އޮފީލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ބަޣާވާތުގެ ތެރޭގައި މަގާމުން ދުރުކޮށްފައިވާ އެންމަހާ ފަރާތްތައް އަލުން އެ މަގާމުތަކަށް އިސްކުރެވޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.
މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވެވުނު އެއްބަސްވުމާއެކު ހަމްދޫކް ވަނީ ބޮޑުވަޒީރު ކަމުގެ މަގާމަށް އަލުން އިސްވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން އޭނާއަށް މިނިވަން ކެބިނެޓެއް ގެންގުޅެވޭނެ އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެވުނީ އަސްނަރީ ބަޣާވާތަކުން ބުރްހާން ވެރިކަމަށް އިސްވިތާ ގާތްގަނޑަކަށް އެއްމަސް ފަހުންނެވެ. ބަޣާވާތުގައި ހަމްދޫކް ހައްޔަރު ކުރެވި ގޭބަންދުގައި ބެހެއްޓިފައި ހުއްޓެވެ.
އަލް އަރަބިއްޔާއަށް މިދިޔަ ހަފްތާގައި ހަމްދޫކް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ސޫދާނުގައި އާ ސަރުކާރެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. – އަލް އަރަބިއްޔާ