ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އެންމެ ފުރަތަމަ މަރުވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ މަރުވީ ރޭ މެންދަމު ދޭއް ޖަހާއިރު ކަމަށާއި، މަރުވީ ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން މިއަދު ވަނީ 90 އަހަރުގެ ދިވެހި ފިިރިހެނެއް ވެސް ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މަރުވެފަ އެވެ. އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންގެންދަނިކޮށް މިއަދު ހެނދުނު 10:45 ގައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 250 އަށް އަރާފަ އެވެ.

މިދިޔަ މަސްތަކުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ބޮޑުތަކުން މަދުވެފަ އެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 114 މީހުންނެވެ. މިއާއެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 91،464 އަށް ވަނީ އަރާފަ އެވެ. އަދި މިވަގުތު މި ބައްޔަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނީ 12 މީހުންނެވެ.