ޖިންސީ ގޯނާއާ ދެކޮޅަށް ކުރު ފިލްމު މުބާރާތެއް ބޭއްވުމަށް ޖެންޑާ މިނިސްޓްރީން ހުޅުވާލައިފި އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ކެމްޕެއިންގެ ދަށުން ކުޅުމަށް ހަމަޖެހިފައިވާ ކުރު ފިލްމު މުބާރާތުގެ މަގުސަދަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ދެކޮޅަށް އަޑު އުފުލުމަށާއި، ފިލްމުގެ ޒަރިއްޔާއިން މިކަމަށް އާންމުން އިތުރަށް ހޭލުންތެރި ކުރުވުމަށް ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އާންމުންނަށް ހުޅުވާލާފައިވާއިރު، 16 ދުވަހުގެ ކެމްޕެއިންގެ މަގްސަދަށް ބިނާކޮށް ގެވެށި އަނިޔާ އަށް ގުޅުވަައި ފަސް ޝިއާރަކަށް ކުރު ފިލްމު ބިނާކުރުމަށް ވަނީ ހުޅުވާލެވިފަ އެވެ. އެގޮތުން މި ކެމްޕެއިން ގައި "އޮރެންޖް ދަ ވާލްޑް: އެންޑް ވަޔަލަންސް އެގެއިންސްޓް ވިމެން ނައު" ގެ ނަމުގައި ޝިއާރު ވަނީ ހަމަޖައްސާފަ އެވެ.

މި މުބާރާތުގައި 30 ބައިވެރިއެއް ޖެންޑާއިން ހޮވާއިރު، އެ ބައިވެރީންނަށް ދެވޭ ފަސް ޝިއާރުގެ ތެރެއިން އެއް ޝިއާރަކަށް ފިލްމު ހެދުމަށް ފުރުސަތު ދޭނެ އެވެ.

މި މުބާރާތުގައި އެންމެ މޮޅު ފިލްމެއްގެ ގޮތުގައި ހޮވޭ ފިލްމަކަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށްދާ ފިލްމަކަށް 7،500 ރުފިޔާ، އަދި ތިންވަނައަށްދާ ފިލްމަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން އެކަމަށް ރަޖިސްޓްރީ ވާން ޖެހޭނެކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.