ވިލިމާލޭގައި ގާއިމްކޮށްފައިވާ ވެޓް ކްލިނިކުން ހިދުމަތް ދިނުން ހުއްޓާލަން ނިންމައިފި އެވެ.

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ސިއްހީގޮތުންނާއި ބޭސް ފަރުވާ ދިނުމަށް ވިލިމާލޭގައި ފިޝަރީޒް މިނިސްޓްރީން ގާއިމުކުރި ވެޓް ކްލިނިކުން ރަސްމީކޮށް ހިދުމަތް ދިނުން ހުއްޓާލުމަށް ނިންމިކަން ހާމަކުރީ އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގަ އެވެ.

މިގޮތުން މި ހިދުމަތް ދިނުން ރަސްމީކޮށް ހުއްޓާލަން ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެންނެވެ. އަދި އެ ކްލިނިކުން ހިދުމަތް ފޯރުކޮށްދޭނީ ހަމައެކަނި ސާޖަރީތައް ހަދަން އެޕޮއިންޓްމަންޓް ދޫކޮށްފައިވާ ޖަނަވާރުތަކަށް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވިލިމާލެ ވެޓް ކްލިނިކްގެ ހިދުމަތް ހުއްޓާލަން ނިންމާފައިވާއިރު، މިހާރުވެސް އެތަނުން ހިދުމަތް ދިނުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ. އަދި އެއީ ވެޓް ކްލިނިކް ހިންގާ އިމާރާތައް ބޮޑެތި ގެއްލުންތައް ވުމުގެ އިތުރުން އެއިމާރާތުގައި ކަތުރުފަނި އަޅައި ތަނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާތީކަމަށް ހަބަރުލިބެ އެވެ.

ވިލިމާލޭގައި ފިޝަރީޒް މިނިސްޓްރީން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި މިތަން ގާއިމްކޮށްފައިވާއިރު، އެތަނުން ދިވެހިން އާއްމުކޮށް ގެންގުޅޭ ހުރިހާ ބާވަތެއްގެ ޖަނަވާރުންނަށް އެކަށީގެންވާ ފަރުވާ ދިނެވެ.