"ފޯލްޓް އިން އަވާ ސްޓާސް"ގެ ހިންދީ ރީމޭކް، "ދިލް ބެޗާރާ"ގެ ވާހަކަ ލިޔުނު ލިޔުންތެރިޔާ ޖޯން ގްރީން، ފިލްމަށް ވަރަށް ތައުރީފުކޮށްފި އެވެ. 24 ޖުލައި ގައި އޮންލައިން ޕްލެޓްފޯމުތަކަށް ރިލީސްކުރި މި ފިލްމް އެ ދުވަހު ބެލުމަށްފަހު ތައުރީފުގެ މެސެޖު ފޮނުވާފައިވަނީ ޓުވިޓާ މެދުވެރިކޮށް ފިލްމުގެ ލީޑް އަންހެން ތަރި ސަންޖަނާ ސަންގީ އަށެވެ.

ތިން މަސް ދުވަހުގެ ދިގު މުއްދަތަކަށް ފަހު، ސަންޖަނާއަށް މި މެސެޖު ފެނުމާއެކު އޭނާ ވަނީ އިންސްޓަގްރާމުގައި ޖޯންއަށް ހާއްސަ ޕޯސްޓެއް ކޮށްފަ އެވެ. އޭނާއަށް ކުރިން މެސެޖު ނުފެނިވާކަން ހާމަކުރަމުން ސަންޖަނާ ވަނީ ޖޯންގެ ލޮބުވެތި ބަސްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށާ އޭނާއަށް މި މެސެޖު ހާއްސަ މިންވަރު ބަޔާންކޮށްދޭން ވެސް ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި މި ލޮބުވެތި އިބާރާތްތައް އިވި ހިތުގަ ހުރި ރިހުންތަށް ކޮންމެސް ވަރަކަށް ފިލައިފި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާއަކީ އުމުރަށް ވެސް ޖޯންގެ ފޭންއެއް ކަމަށް ބުނަމުން ސަންޖަނާ ވަނީ އޭނާއާ ޓީމުން ކޮށްފައިވާ މަސައްކަތް އަގުވަޒަންކޮށް ފިލްމް ނެރުނު ދުވަހު ބެލިކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

https://www.instagram.com/p/CG7m2pUFu9n/?utm_source=ig_embed

ސަންޖަނާގެ އިންސްޓަގްރާމުގައި އާންމުކޮށްފައިވާ ޖޯން ގްރީންގެ މެސެޖުގައި އޭޏާ ބުނެފައިވަނީ "ދިލް ބެޗާާރާ" ވަރަށް ކަމުދިޔަ ކަމަށެވެ. ހާއްސަކޮށް ސަންޖަނާގެ އެންޓިންގް ވަރަށް ފުރިހަމަކަމަށް ދެކޭ ކަމުގައި ޖޯން ފާހަކަކޮށްފައި ވެ އެވެ. ފިލްމުގައި ސަންޖަނާއާއެކު މަސައްކަތް ކުރި ކޯ-ސްޓާ ސުޝާންތުގެ ވަކިވެދިޔުމަށް އަލިއަޅުވާލަމުން ޖޯން ވަނީ ސަންޖަނާއަށް ކުރިމަތިވި ހިތާމައިގެ ވަގުތުގައި ކެތްތެރިވުމަށް ނަސޭހަތްތެރިވެ ފިލްމީ ހަޔާތުތައި އުޖާލަ މުސްތަގުބަލަކަށް އެދޭކަމަށް ބުނެފަ އެވެ.