ޖެނީވާ (01 ޑިސެމްބަރު) - ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު މަނާކުރިއަސް ކޮވިޑް 19ގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ވޭރިއަންޓް ފެތުރުން ނުހުއްޓުވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފި އެވެ.

މީގެ ކުރިން ފެނިފައިވާ ވޭރިއަންޓްތަކަށް ވުރެ ނުރައްކާ ބޮޑު ކަމަށް ބެލެވިފައިވާ އޮމިކްރޯން ފެތުރެން ފެށުމާއެކު ގިނަ ގައުމުތަކަކުން ވަނީ އެތެރޭގެ ދަތުރުފަތުރު ހިފަހައްޓައި ބޯޑަރުތައް ބަންދުކޮށްފަ އެވެ.

"ދަތުރު ފަތުރު މަނާ ކުރުމަކުން އޮމިކްރޯން ފެތުރުން ނުހުއްޓުވޭނެ. މިއީ އެއަށްވުރެ މާ ނުރައްކާ ކަމަށް ބެލެވޭ ވޭރިއަންޓެއް،" ޑަބްލިއުއެޗްއޯ އިން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވެ އެވެ.

ނަމަވެސް އެ ޖަމިއްޔާއިން ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ކޮވިޑް 19ގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ބައިނަލްއަގްވާމީ ދަތުރުތައްކުރުން މިވަގުތަށް މަޑުޖައްސާލުމަށް ލަފާ ދީފަ އެވެ.

ދެކުނު އެފްރިކާއިން އަލަށް ފެނުނުތާ ހަފްތާއެއް ނުވަނީސް އޮމިކްރޯން ވަނީ އޮސްޓްރޭލިއާ، އޭޝިއާ އަދި ޔޫރަޕުގެ ގިނަ ގައުމުތަކަށް ފެތުރިފަ އެވެ.

މި ދަނޑިވަޅުގައި އެއްވެސް ބެލުމެއް ނެތި ދަތުފަތުރު ހުއްޓުވުމުގެ ބަދަލުގައި މުހިއްމީ ލިބޭ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު ފިޔަވަޅު އެޅުން ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ޑަބްލިއުއެޗްއޯއިން މިހެން ބުނެފައި މިވަނީ އާ ވޭރިއަންޓް ދެނެގަތުމުގެ ސަބަބުން ދެކުނު އެފްރިކާގެ ރައްޔިތުންނަށް ގިނަ ގައުމުތަކަށް ދަތުރު ކުރުން މަނާ ކުރުމަކީ ލިބުނު އަދަބެއް ކަމުގައި އެގައުމުން ސިފަ ކޮށްފައި ވަނިކޮށެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 56 ގައުމަކުން އޮމިކްރޯން ފެތުރުން ހުއްޓުވުމުގެ ބޭނުމުގައި ދަތުރުފަތުރު ހިފަހައްޓައި ފިޔަވަޅުތައް އަޅާފައިވެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް