ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓަރުކަން ކުރެއްވި އުމަރު ޒާހިރުގެ ދީލަތި އެހީގައި ފުވައްމުލަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކޮށް ހުޅުވައިފި އެވެ.

މި ރަށު ފުނާޑު އަވަށުގައި ކުރިން ބޭނުންކުރި މިސްކިތް، މަސްޖިދުއް ސިއްދީގު ތަޅާލުމަށްފަހު އަލުން އިމާރާތްކޮށް ހުޅުވީ އިއްޔެ އަސުރު ނަމާދަށް ފަހު އުމަރު ޒާހިރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިވަގުތު ފުވައްމުލަކުގައި ހުންނެވި އުމަރު ޒާހިރު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ފުނާޑު އަވަށުގައި ހުރި މިސްކިތް ވަރަށް ބޮޑަށް ބާވެ، ވީރާނާވެފައި ހުރި ވާހަކަ މީހަކު ބުނުމުން އެ މިސްކިތް އަލުން އިމާރާތްކޮށްދެއްވީ ކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ އެކި ފަރާތްތަކުގެ ދީލަތި ލިބުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަޅުގަނޑު ކައިރީ މީހަކު އެ މިސްކިތް ވަރަށް ބޮޑަށް ވީރާނާވެފައި ހުރި ވާހަކަ. އެހެންވެ އަޅުގަނޑު އެއްބަސްވީ އެކަންކޮށްދޭ ގޮތަށް،" އުމަރު ޒާހިރު ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ހަރަދުގައި ފުވައްމުލަކުގައި އިމާރާތްކުރި މިސްކިތް.

އެމަނިކުފާނު ވިދާޅުވީ މިސްކިތުގެ މަސައްކަތް ފެށިތާ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލާފައިވާ ކަމަށެވެ. އަދި މިސްކިތް އިމާރާތްކޮށްފައި ވަނީ ޒަމާނީ ފެންވަރަށް ޑިޒައިންކޮށް ވަރަށް ރީތިކޮށް ކަމަށް ވެސް އުމަރު ޒާހިރު ވިދާޅުވި އެވެ.

"މި މިސްކިތުގެ މަސައްކަތުގައި އިސްކޮށް އުޅުނީ މި ރަށު ކުޑޭ ކިޔާ މީހެއް. އޭނާ މީހުން ހޯދައިގެން މަސައްކަތް ކުރިޔަށް ގެންދިޔައީ ވަރަށް ފުރިހަމަކޮށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އުމަރު ޒާހިރު ވިދާޅުވީ މިސްކިތް އިމާރާތްކުރަމުން ދިޔަ ދުވަސްވަރު މިސްކިތުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލައިދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގައި އެދުމުން އެކަމަށް އެއްވެސް އިޖާބައެއް ނުދިން ކަމަށެވެ. އަދި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް މޭޔަރު އިސްމާއިލް ރަފީގަށާއި ކައުންސިލަރުންނަށް ދައުވަތު ދިނުމުން އެއްވެސް ބޭފުޅަކު ވަޑައިނުގެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ހަރަދުގައި ފުވައްމުލަކުގައި އިމާރާތްކުރި މިސްކިތް ޑރ. ޝަހީމް އިއްޔެ ހުޅުވައިދެއްވަނީ.

"މިސްކިތް ހުޅުވަން ދައުވަތު ދިނުމުން އެކަކު ވެސް ދައްކާލަން ވެސް ނުދޭ. މިއީ ސިޔާސީ ކަމެއް ނޫން. އަޅުގަނޑަކަށް ނޭނގެ އެ ބޭފުޅުން ވަޑައިނުގެންނެވީ ކީއްވެގެން ކަމެއް،" އުމަރު ޒާހިރު ވިދާޅުވި އެވެ.

ކުރިން އަރައި ފޭބުމަށް ދަތި، މިރަށުގައި 9.5 މިލިއަން ޔޫރޯ ހަރަދުކޮށްގެން 2003 ވަނަ އަހަރު ހުޅުވި ބަނދަރު ހެދުމުގެ އެންމެ އިސް މޭސްތިރިޔަކީ ވެސް އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރެވެ. އަދި ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު ބަނދަރު ރައީސް މައުމޫން ހުޅުއްވައިދެއްވުމަށް ގައުމީ ފެންވަރުގެ ބޮޑު ރަސްމިއްޔާތެއް ވެސް ފުވައްމުލަކުގައި ބޭއްވި އެވެ.