ޕީއެސްއެމްގެ ބޯޑު މެންބަރު މިދުހަތު އަލީ (މިދޭ) އާ ބައްދަލުކުރައްވައި އޭނާގެ ބައެއް ނިންމުންތަކާ ބެހޭ ގޮތުން ސުވާލުކޮށް، ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން އަލީ ވިދާޅުވީ މިދުހަތާ ރައީސް އޮފީހުގައި ބައްދަލުކުރި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ.

"އެއީ ހަދަހަދައިގެން ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. އަޅުގަނޑު އޭނާއާ ދުވަހަކު ވެސް ބައްދަލުކޮށްފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މިދުހަތަކީ އޭނާ ދަންނަ މީހެއް ވެސް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ވަޒީފާއިން ވަކިކުރުމުން އެކަމުގެ ހިތްހަމަނުޖެހުމެއް އޮވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދުހަތާ ބައްދަލުކޮށް ވާހަކަދެއްކި ކަމަށް ބުނެ އެ ހަދަނީ 100 ޕަސެންޓް ދޮގެއް. އެ ވާހަކަތައް ފަތުރާ ބޭނުމެއް ނޭނގެ،" އަލީ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގައިގެން މިދުހަތު މިއަދު ވަނީ ޕީއެސްއެމްގެ ބޯޑުން ވަކިކޮށްފަ އެވެ.

މިދުހަތު އޭނާގެ ފޭސްބުކްގައި ވަނީ ޗީފް އޮފް ސްޓާފާ މެދު ވަރަށް ގިނަ ތުހުމަތުތަކެއްކޮށްފަ އެވެ. މިގޮތުން އަލީ އޭނާއާ ބައްދަލު ކުރެއްވީ މީގެ ދެ ހަފްތާ ކުރިން ސަރުކާރުން މިދުހަތާއި ހަވާލު ކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮޅުން ފިލުވަން މި ވަގުތައް ބޭނުންވާ ތިން ކަމަކާ ގުޅިގެން މަޝްވަރާ ކުރުމަށް ކަމަށް ބުނެފައިވެ އެވެ. އަދި އެ ބައްދަލުވުމުގައި ޗީފް އޮފް ސްޓާފް ވިދާޅުވި ކަމަށް ބުނެ މިދުހަތު ބައެއް ވާހަކަތައް ލިޔެފައިވެ އެވެ

ޗީފް އޮފް ސްޓާފް އަލީ ޒާހިރަކީ ރައީސް އާއި ނައިބު ރައީސްއަށް ފަހު ރައީސް އޮފީހުގެ އެންމެ އިސްވެރިޔާއެވެ.