ގިނަ އަދަދެއްގެ ދިވެހިން އުޅޭ އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް ކޮވިޑް އޮމިކްރޯން ވޭރިއެންޓް ފެތުރެން ފަށައިފި އެވެ.

މިގޮތުން ކޮވިޑް-19 ވައިރަސްގެ މި އައު ވޭރިއެންޓް ވަނީ އަވަށްޓެރި މެލޭޝިޔާ، ސިންގަޕޫރު، އިންޑިޔާ އަދި ސްރީލަންކާއިން ވެސް މިހާރު ފެނިފަ އެވެ.

މިކަން ހާމަކުރައްވައި މެލޭޝިޔާގެ ހެލްތު މިނިސްޓަރު ޚައިރީ ޖަމާލުއްދީން ވަނީ ސައުތު އެފްރިކާއިން އެ ގައުމަށް ދަތުރުކުރި އެފްރިކާ މީހަކު އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ އިއުލާނެއް ނެރެފަ އެވެ. އެ މީހާ އެތެރެވެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އޮމިކްރޯން ވޭރިއަންޓް އިއުލާނު ކުރުމުގެ ކުރިން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އިންޑިޔާއިން އޮމިކްރޯން ފެނިފައިވަނީ ބޭރު ގައުމަކުން ދިޔަ 46 އަހަރުގެ މީހަކާއި 66 އަހަރުގެ ދެ ފިރިހެނުންގެ ފަރާތުންނެވެ. އެދެ މީހުން ވެސް އޮބްޒަވޭޝަންގައި ބައިތިއްބާފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އިންޑިޔާގެ ސަރުކާރުން ބުނެ އެވެ.

އޭގެ އިތުރުން ލަންކާއިން ވެސް އޮމިކްރޯން ފެނިފައިވާ ކަމަށް އެ ގައުމުގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ޕަބްލިކް ހެލްތުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ލެބޯޓަރީއެއްގައި މަސައްކަތް ކުރާ މުއައްޒަފަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގައުމުތަކުން ކޮވިޑްގެ އައު ވޭރިއެންޓް ފެނުމާ އެކު، ބަލި އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށް އެގައުމުތަކުން ދަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަމުންނެވެ.