ކ. ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލުކުރުމުން، ދައުލަތާ ދެކޮޅަށް ސިންގަޕޯ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްއާ އެކު ސަރުކާރުން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ 18، 2013 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.

ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީއާ ދެމެދު ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްގީކުރުމާ ގުޅޭގޮތުން ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ސިންގަޕޯ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ ޑިސެމްބަރު 18، 2019 ގަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ ޑިރެކްޓަ ކޮމިއުނިކޭޝަން ހުސެއިން ހަސަން "ހުރިހާ"އަށް މިއަދު ވިދާޅުވީ ފުށިދިއްގަރު ފަޅުގެ މައްސަލައަކީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް 2013 ވަނަ އަހަރު ހުށަހަޅައިގެން ބެލުނު މައްސަލައަކަށް ވާތީ، މިހާރު އެ މައްސަލަ އާބިޓްރޭޝަނުން ނުބެލޭނެ ކަމަށް ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއާ ގުޅޭގޮތުން ސިންގަޕޯ އިންޓަނޭޝަނަލް ކޮމާޝަލް ކޯޓުން މިދިޔަ މަހުގެ 26 އެ މައްސަލަ އާބިޓްރޭޝަންގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ.

"އިޖުރާއީ މައްސަލަ ހުށަހެޅުމަކީ އާބިޓްރޭޝަންގެ މަރުޙަލާ ހުއްޓުމަކަށް އަންނަ ކަމަކަށް ނުވާތީ، ސިންގަޕޯ އިންޓަނޭޝަނަލް ކޮމާޝަލް ކޯޓުގައި މައްސަލަ ހިނގި އިރުވެސް މި މައްސަލައިގެ އާބިޓްރޭޝަން ސިންގަޕޯ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ދިޔައީ ކުރިއަށް. އަދި މިހާރުވެސް އާބިޓްރޭޝަން ދަނީ ކުރިއަށް،" ހުސެއިން ވިދާޅުވި އެވެ.

މާލޭގެ ދެ ކުނުން އަދި ކ. ގުޅީގެ އުތުރުން އޮންނަ 1،475 ހެކްޓަރުގެ ބޮޑު ފަޅުގައި، ސްޕެޝަލް އެކޮނޮމިކް ޒޯނެއްގެ ބާރު ލިބިގެން ޓޫރިޒަމް ތަރައްގީކުރަން ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން ވަހީދުގެ ސަރުކާރުގައި އެއްބަސްވުމެއް ހެދި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މާޗު 2016 ގައި، އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް އެންގީ، އެކިއުޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ލިބުމުގެ ކުރިން އެއްބަސްވުން ޖޮއިންޓް ވެންޗާ ކުންފުނި ނުއުފައްދާށެވެ.

އޭގެ ފަހުން މުއާމަލާތްތައް އޮތީ ހުއްޓިފަ އެވެ. އެކަމަކު އެއްބަސްވުން އުވާލިކަން އެއްވެސް ސަރުކާރަކުން ނުބުނެ އެވެ. އޮކްޓޯބަރު 30، 2016 ގައި ސަރުކާރުން އިއުލާންކުރީ ފުށިދިއްގަރުފަޅު، 72 މިލިއަން ޑޮލަރަށް ވިއްކާލާށެވެ.

އެ ފަޅު އެ އަގުގައި ވިއްކިފައެއް ނުވެ އެވެ. އަދި މިދިއަ ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރުން އިއުލާާންކުރީ ފުށިދިއްގަރުފަޅު ހިއްކައިގެން މާލޭ ސަރަހައްދުގައި އިތުރު ބޯހިޔާވަހިކަމަށް ހުޅުވާލާށެވެ.

ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި 130 މިލިއަން ޑޮލަރު ބަދަލަށް އެދިފައިވެ އެވެ.