މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ށ. ފީވަކުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފި އެވެ.
ފީވަކުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް މިއަދު އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމާއި، ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން އަދި ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެވެ. މި ރައްމިއްޔާތުގައި އެކުންފުނީގެ އިސް ބޭފުޅުން ވެސް ބައިވެރިވެފައިވެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީގެ 33 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ފެނުގެ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ތަކެތި އެރަށަށް ފޮނުވައި ހޮޅިތައް ވަޅުލުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
ފީވަކުގައި ފެނުގެ ނިޒާމް ގާއިމުކުރާ މަޝްރޫއުއަކީ 49.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 9.18 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި، ފެން ރައްކާކުރުމަށް ތިން ޓާންގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފެން ގުޅައިދީ ގޭބީސީގައި ފެންމީޓަރުތައް ބެހެއްޓުމާއި ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޯށްދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.