ލިޔެކިޔުންތަކާ ނުލައި ގަވާއިދާއި ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ 50،000 މީހުން ރާއްޖޭގައި ދިރިއުޅޭ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް ހައި ކޮމިޝަންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހާހަކަދައްކަވަމުން ނަޒްމުލް ހަސަން ވަނީ ރާއްޖޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ ލައްކައެއްހާ މީހުން މަސައްކަތް ކުރުމަށް ދިރިއުޅޭކަން ފާހަގަކޮށްފަ އެވެ. އަދި އޭގެ ތެރެއިން 50،000 މީހުންނަކީ ލިޔެކިޔުންތަކާއި ނުލައި ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ މީހުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މިކަން ފާހަގަަކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި އޭނާ ބުނީ ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެވެގެން އުޅޭ ބަންގްލަދޭޝް މީހުން ގަވާއިދަށް ފެއްތުމަށް މަޝްވަރާތަކެއް ކުރަމުން ގެންދާކަމަށެވެ.

އެގޮތުން އެންމެ ފަހުން ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފަ އެވެ. ނައިބު ރައީސާއި ކުރެއްވި ބައްދަލުވުމުގައި އެފަދައިން މީހުން އެތެރެވުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

މި ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގައި މިހާރު ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ކުށުގެ އަމަލުތަކުގައި ހިމެނިފައިވާ މީހުން ގިނަކަން ފާހަގަކޮށްފަ އެވެ. އެގޮތުން އެކި ކަންކަމާއި ގުޅިގެން ރާއްޖޭގެ ޖަލުތަކުގައި އެގައުމަށް ނިސްބަތްވާ 100 އެއްހައި މީހުން އުޅޭކަންވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.