މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކާއި ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޒޯންތަކުން އަގު ނަގައިގެން ވެހިކަލްތައް ޕާކްކުރަން ކަނޑައަޅާފައިވާ ޖާގަތަކަށް ހޮވުނު 211 މީހަކަށް ތަން މާލޭ ސިޓީ ކައުންސިލުން ރޭ ހަވާލުކޮށްފި އެވެ.

މިއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުޞަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

މާލެ ސިޓީ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ ގުރުއަތުލުމުގައި ސިޓީ ކައުންސިލުން ދޫކުރަން ނިންމާފައިވާ 211 ޕާކިން ސްލޮޓްގެ ހައްގުވެރިން ވަނީ ގުރުއަތުން ހޮވާފަ އެވެ. މި ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށް ވެސް ސްލިޕެއް ހަވާލުކުރި ކަމަށެވެ. އަދި ގުރުއަތު ނެގުމަށް ބޭނުންކޮށްފައިވަނީ ސްލިޕް ނަންބަރު ކަމަށާއި، މި ސްލިޕް ނަންބަރުތައް މިއަދުގެ ވަގުތެއްގައި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް، އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ ގުރުއަތުން ހޮވުނު ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ މަސައްކަތް ވެސް މިއަދުން ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި އެގްރީމެންޓް ހަދައި ޕާކިން ސްލޮޓްތައް ދޫކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގަރާޖުތައް ދޫކުރުމަށް ޑިސެމްބަރު 15ގެ ފަހުން އިއުލާނުކުރާނެ ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.

މި ޖާގަތަކުގެ ތެރެއިން އެންމެ ގިނަ ޖާގައަށް ހުޅުވާލާފައިވަނީ ހެންވޭރު ސަލްމާން މިސްކިތު ސަރަޙައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯންތަކުންނެވެ. އެގޮތުން އެ ސަރަޙައްދުން 58 ޖާގަ ކުއްޔަށް ދޫކުރުމަށް ނިންމާފައިވެ އެވެ. ދެން އެންމެ ގިނަ ޖާގަ ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައި ވަނީ މއ. ވައިދެރިހިނގުން (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) އިންނެވެ. އެ ސަރަޙައްދުން 44 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ވެހިކަލް ޕާކްކުރަން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ އިތުރު ޖާގަތަކުގެ ތެރޭގައި މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާ ދެމެދު) އިން 21 ޖާގަ، މއ. ކުރެދިގޯޅިން 10 ޖާގަ، މއ. ހުދުފަޅުހިނގުމުން 8 ޖާގަ، މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) 10 ޖާގަ، ސަލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި ހ. އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ ހިމެނެ އެވެ.

މީގެ އިތުރުން ހަމައެކަނި ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް 24 ޖާގައެއް ކުއްޔަށް ދިނުމަށް ވެސް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ. މި 24 ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗް ޕާކިން ހިމެނޭ ސަރަޙައްދުން ޗައިނާ އެމްބަސީ ކުރިމަތިންނެވެ.

މި ސްލޮޓްތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލާއި އެ ސްލޮޓް ލިބޭ ފަރާތަކާމެދު ހެދޭ އެއްބަސްވުމެއްގެ ދަށުން، އެ ސްލޮޓަކީ އެ ވެހިކަލްގެ ގަރާޖުގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅުމަށް 25،000 ރުފިޔާ ކުލީގެ ގޮތުގައި ނަގާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.