އޮސްޓްރިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދެއްވާފައި ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޮސްޓްރިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ސުކުރު އަދާކުރެއްވީ އޮސްޓްރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ކެތެރީނާ ވީޒަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ގުޅޭ ގޮތުންނާއި ކޮވިޑް ހާލަތާއި ގުޅޭ ގޮތުންނާއި ތައުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ވިސާ ދިނުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވާ، އޮސްޓްރިއާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގެ މިހާރުގެ ކޮވިޑްގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައުލޫމާތު އޮސްޓްރިއާގެ ސަފީރާ ހިއްސާ ކުރައްވާފަ އެވެ.

މި މައުލޫއަށް ވާހަކަފުޅު ދައްކަވަމުން އޮސްޓްރިއާގެ ސަފީރު ވަނީ ކޮވިޑް-19ގެ ހާލަތު ކާމިޔާބުކަމާއެކު މެނޭޖްކުރުމަށް ރާއްޖެއިން ނިންމާފައިވާ ހަރުދަނާ ނިންމުންތައް ފާހަގަކުރައްވައި، ރާއްޖެއިން ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފަ އެވެ.

ތައުލީމީ ރޮނގުންނާއި މީހުން ބިނާކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އޮސްޓްރިއާގެ އެކަޑަމިކް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަތީ ތައުލީމުގެ ރަނގަޅު ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި މިކަމަށް ޖަވާބުދެއްވަމުން އޮސްޓްރިއާގެ ސަފީރު ވަނީ މި ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތައް އެކަމަނާ ބައްލަވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އަރުވާފަ އެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރާ ބެހޭގޮތުންވެސް ދެބޭފުޅުން މަސްވަރާ ކުރެއްވި އެވެ. އަދި އޮސްޓްރިއާގެ ހާރިޖީ ސިޔާސަތުގައި މަލްޓިލޭޓަރަލް އެއްބާރުލުމަށް އެ ގައުމުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން ސަފީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކުރުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ އޮސްޓްރިއާ ސަރުކާރުން ދިވެހި ދަތުރުވެރިންނަށް ވިސާގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވި ކަމަށްޓަކައި އޮސްޓްރިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަދަން ބޭނުންވާ ކަމަށް ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ އޮސްޓްރިއާގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަން ޔަގީންކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ދިވެހިރާއްޖެއާއި އޮސްޓްރިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ މާޗް 1، 1978 ގަ އެވެ.