ޑޮމެސްޓިކް ދަތުރުކުރާ އެއްވެސް އެއާލައިންތަކުން އެއް ގަޑިއިރު ނުވާ ދަތުރުތަކުގައި އެއްވެސް ކެއުމެއް އަދި ރިފްރެޝްމަންޓެއް ނުދިނުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އަންގައިފި އެވެ.

އެ އޮޓޯރިޓީން މިގޮތަށް އެންގީ ކޮވިޑް- 19 އާ ގުޅިގެން އާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ސިވިލް އޭވިއޭޝަން އޮޓޯރިޓީން ނެރުނު ސާކިއުލާގައި ކޮވިޑް- 19ގެ ހާލަތުގައި ދަތުރުކުރުމުގައި އެއާލައިންތަކުން އަމަލުކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފްލައިޓްގެ އެތެރޭގަ އާއި ޓާމިނަލްގެ ތެރޭގައި ފަސިންޖަރުން މާސްކު އަޅަން ޖެހޭނެ ކަމަށް އަންގާފައިވެ އެވެ. އަދި މާސްކު އެޅުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހަ އަހަރުން ދަށުގެ ކުދިންނާއި، ސިއްހީ ސަބަބަކާ ހުރެ މާސްކު ނޭޅޭ ފަރާތްތައް ހިމެނެ އެވެ.

މީގެ އިތުރުން އިތުރު ގޮތެއް އަންގަންދެން މިވަގުތަށް އެއް ގަޑިއިރަށް ވުރެ ކުރު ޑޮމެސްޓިކް ދަތުރުތަކުގައި ފްލައިޓްގެ ތެރޭގައި އެއްވެސް ކެއުމެއް އަދި ރިފްރެޝްމަންޓެއް ނުދިނުމަށް ވެސް އެ އޮޓޯރިޓީން އަންގާފައިވެ އެވެ.

ސިވިލް އޭވިއޭޝަން އޮޓޯރިޓީން މިގޮތަށް އެންގުމާ ގުޅިގެން ޑޮމެސްޓިކް ހުރިހާ އެއާލައިނަކުން ވަނީ މިދުވަސްވަރު އެފަދަ ދަތުރުތަކުގައި ކާއެއްޗެހި ނުދޭން ނިންމައިފަ އެވެ. ރާއްޖޭގައި ޑޮމެސްޓިކް ދަތުރުތައް ކުރަނީ މޯލްޑިވިއަން އާއި މަންޓާ އާއި ފްލައިމީ އެވެ. ދެން އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި ލިބޭނީ ރިކުއެސްޓް ކުރުމުން ފެން އެކަންޏެވެ.

ސައުތު އެފްރިކާއިން ފެނުނު ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ރާއްޖެ އިން ވެސް މިހާރު ވަނީ ފެނިފަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސައުތު އެފްރިކާ، ބޮސްޓްވާނާ، ނެމީބިއާ، ޒިންމްބާބޭ، މޮޒަންބީކް، ލެސޮތޯ އަދި އީސްވާޓިނީ ހިމެނެ އެވެ.