އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ އިމާރާތުގެ އޮޑިޓެއް ހަދަން ފަށައިފި އެވެ.
އަރަބިއްޔާ ސުކޫލް އިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ، އެ އިމާރާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އަދި މި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޮޑިޓް އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމް ވަނީ އެ އޮފީހުގެ އަމިިއްލަ އިސްނެގުމާއެކު އެ ސްކޫލު ހިންގާ އިމާރާތުގެ އޮޑިޓެއް ހަދަން ނިންމާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނަސީމް ވިދާޅުވީ އޮޑިޓް ހަދާ ނިމޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އޮޑިޓް ނިމުމުން ކަމާ ގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސްކޫލް ހިންގަމުން އަންނަ އިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދިއުމާ ގުޅިގެން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން އެހެން ޢިމާރާތަކަށް ބަދަލުކޮށްދިނުމަށް އެދި އާންމުން ވަނީ ގޮވާލާފަ އެވެ.
އޭގެ އިތުރުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފްއާއި ޑރ. މުހައްމަދު އަލީ ޝަހީމް ވެސް ވަނީ ވަނީ އެ ތަނުގެ ބައެއް ފޮޓޯތަކާއެކު ޓުވީޓްކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލާފައި ހުރުމުގެ ސަބަބުން އެ ސްކޫލް އިމާރާތުގެ އެސެސްމަންޓެއް ދެ ފަހަރަކު ހަދާފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމާރާތް މަރާމާތުގެ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މީގެ ކުރިން ވެސް ހާމަކޮށްފަ އެވެ.