ފާއިތުވި ދުވަސްތަކުގައި ގިނަ ނޫސްތަކެއްގައި ވިދާލި ދެތަރިން ކަމަށްވާ ކެޓްރިނާ ކެއިފް އާއި ވިކީ ކޯޝަލްގެ ކައިވެންޏާއި އެކު އަނުޝްކާ ޝަރްމާ ވެސް އެކަމުގެ އުފާ ފާޅުކޮށްފި އެވެ.

ކެޓްރީނާއާއި ވިކީ ކައިވެނިކުރީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ.

ވިކީ އާއި ކެޓްރީނާ ވަނީ އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކައިވެނީގެ ހަފްލާގެ ފޮޓޯތައް މިހާރު އާންމުކޮށްފަ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުން ކެޓްރީނާ ކައިވެންޏަށް ލައިގެން ހުރީ ރަތް ކުލައިގެ ލެހެންގާއެކެވެ. އަދި ވިކީ ލައިގެން ހުރީ ޕީޗު ކުލައަކަށްދާ ޝޭރްވާނީއެކެވެ. މިއިން ފޮޓޮއެއް ހިއްސާކުރަމުން އަނުޝްކާ ވަނީ ދެ މީހުންނަށް ވެސް މަރުހަބާކިޔާފަ އެވެ. އަދި އަނުޝްކާގެ ގެއާއި ޖެހިގެން ކެޓްރީނާ އާއި ވިކީ އުޅެން ފަށާ ގެއަށް އަވަހަށް ބަދަލުވުމަށް އުންމީދު ކުރާކަމަށާއި، އެމީހުންގެ އައު ގެއަށް ބަދަލުވުމުން ގެ މަރާމާތުކުރުމުގެ އަޑު ކެނޑޭނެ އިރަކަށް އިންތިޒާރުކުރާ ކަމަށް ވެސް އަނުޝްކާ ބުންޏެވެ.

ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ތަރިން ކައިވެންޏަށް ފަހު ވަރަށް އަވަހަށް ހަނީމޫނަށް ރާއްޖެ އަންނާނެ އެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން އެ ދެ ފަންނާނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ދެ ތަރިން ކައިވެންޏަށް ފަހު، ސޮއިކޮށްފައި ހުރި ފިލްމީ މަސައްކަތްތަކަށް ވަގުތުދޭން ފަށާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.