ދިރާގަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 158,6 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.
މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 29.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ 22 ޕަސެންޓްގެ އިތުރުވުމެކެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން އިއްޔެ އާއްމުކުރި މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ދިރާގަށް ލިބިފައި ވަނީ މޮބައިލް ހިދުމަތްތަކުންނެވެ. އެގޮތުން 329.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއާއެކު ޖުމްލަ އާމްދަނީގެ ގޮތުގައި 586,7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ޚަރަދު ވަނީ 298 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރަށް ވުރެ ހަ މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުނިން ވަނީ ޓެކްސްގެ ގޮތުގައި 27.8 މިލިއަން ރުފިޔާ ދައްކައިފަ އެވެ.
ބަހުރެއިންގެ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާވާ ކުންފުނިން ނެރުނު ކުއާޓަލީ ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15ގައި އަލުން ހުޅުވި ނަމަވެސް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް މަދު ކަމަށެވެ. އެހެންވެ ޓޫރިޒަމް ދާއިރާއަށް ލިބޭ ގެއްލުމާ ގުޅިގެން ބޮޑު ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ކަސްޓަމަރުންނަށް ވެސް އޭގެ އަސަރުކުރާކަން އެނގިފައިވާ ކަމަށެވެ. އެހެންވެ އެ ކުންފުނިން މަސައްކަތްކުރަނީ ކަސްޓަމަރުންނާ ގުޅިގެން ވިޔަފާރި ކުރިޔަށް ގެންދިއުމަށް ކަމަށް ވެސް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ މިދަނޑިވަޅުގައި ވެސް ސަރުކާރަށާއި ކަސްޓަމަރުންނަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ކަމަށެވެ.
މަށެއްވާ ނުބުނާ ނަން ދިރާގުން ރައްޔިތުން ފެލަނީއޭ. އެކަމަކު މިއަށް ކިޔާނެތާ ގެރިން ކިރު ފެލަނީއޭ؟
ބަލާބަލަ މިއޮތް ފަދަ މީހުން އަތްމަތި ދަނޑިވަޅެއްގައި ނިކަމެތި ރައްޔިތުން ފެލާލާފައި ހުރިވަރެއް. ހުންނާނެތާ ލާރިކެވިފައި. އަހަރެމެންނަށް ބައި ބީޖީ ހިލޭ ދީފައި ގޭގައި އިންނަ އިންޓަނެޓް ޕެކޭޖްކޮޅު ކައި ހުސްކޮށްލާ މަސް ދެބައި ނުވަނީސް. މިކަހަލަ މަކަރު މުޅިން ހަދާނީ.
ބޮޑުތަނުން ފައިދާއެއް ވިޔަސް ރައްޔިތުންނަށް ދޭ ޚިދުމަތަކުން އެންމެ ލޯ ލާރިއެއް ވެސް ކުޑަނުކުރާތި. މިއީވާ ދަހި ކުންފުންޏެއް.