ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަށް ރައްޔިތުން އެދޭ ކަމަށް ދާންދޫ ކައުންސިލުން ރައީސް އިބްރާހިމް ސޯލިހު އަރިހުގައި ދަންނަވައިފި އެވެ.
ރައީސް ސޯލިހު އަރިހުގައި ދާންދޫ ކައުންސިލުން މިގޮތަށް އެދުނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މި ސަރުކާރުން ދާންދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫއުތަކެއް އަލަށް ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވައި، މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން މިވީހާ ތަނަށް ނުހިންގޭހާ ގިނަ މަޝްރޫއުތަކެއް ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކު ތެރޭގައި، ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ދާންދޫގައި ގެދޮރު އިމާރާތް ކުރުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާކަމަށާއި، މީހުން ދިރިއުޅޭ ހިސާބެއްގައި އިންޖީނުގެ އިމާރާތް ބިނާކޮށްފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓްގެ ޚިދުމަތް އަވަސް އަވަހަށް މެދުކެނޑެމުންދާތީދިމާވާ ދަތިތަކާއި، ރަށުގައި އަލަށް ތަރައްޤީކުރަމުންދާ ފުޓްބޯޅަ ދަނޑުގެ ލައިޓިން ބޭނުންވުން ހިމެނެ އެވެ.
އަދި، ދާންދޫ ސްކޫލްގައި އޭ ލެވެލް އަށް ކިޔަވައިދުމަށް ފެށުމާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށާއި، ބޭންކިން ހިދުމަތް ބޭނުންވާ ކަމަށާއި، ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަށް ރައްޔިތުން އެދޭކަމަށް ކައުންސިލަރުން ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ޖުމްލަކޮށް ރަށުގެ ތަރައްގީގެ ކަންކަން ރަނގަޅު ނަމަވެސް ސިއްހީ މަރުކަރުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމަށް ފާހަގަ ކުރައްވާފަ އެވެ. އަދި ކައުންސިލުން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ބަލައިގަންނަ ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ރަށުގެ ތަރައްގީއަށް ރޭވިފައިވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމެއް މިހާރު ވެސް އޮތްކަން. ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.