ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީންގެ ތައުލީމީ ހަޔާތާ ބެހޭ ގޮތުން ސްކޫލްތަކުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ވެސް އެނގޭނެ މިންވަރެއް އޮވެ އެވެ. އެއީ އެމަނިކުފާނު ކިޔާވާ ވިދާޅުވި ތަންތަނެވެ. ސްރީލަންކާގެ ސެއިންޓް ޖޯސެފާއި ސެއިންޓް ޖޯންސް ކޮލެޖުން ކިޔަވާ ވިދާޅުވުމަށް ފަހު ދެން އެމަނިކުފާނު ކިޔަވާ ވިދާޅުވީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަލީގަރުގައި ހުންނަ މަޝްހޫރު އަލީގަޅު (އަލީގަރު) ޔުނިވާސިޓީންނެވެ. މިވަރު އާންމު ދިވެހިން ހިތު ދަސްވާނެ އެވެ. އެހެނަސް މިތަން ތަނުން އެމަނިކުފާނު ކިޔަވާ ވިދާޅުވި އެއްޗަކާއި ކިޔަވާ ވިދާޅުވި ފެންވަރެއް އެނގޭ މީހަކު ހުރި ހެނެއް ހިޔެއް ނުވެ އެވެ.
ތާރީޚު އިލްމު ވެރިޔާ މަރުހޫމު މުހައްމަދު ވަހީދު ނަދުވީ ވަނީ އަމީންގެ ތައުލީމީ ހަޔާތާ ބެހޭ ގޮތުން ރަނގަޅު ދިރާސާއެއް ކުރައްވާފަ އެވެ. ފަތްތޫރައިގެ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަދަދުގައި "މުހަންމަދު އަމީން އަލީގަޅު މުސްލިމު ޔުނިވާސިޓީގައި" މިސުރުޚީއަށް ލިޔުއްވާފައިވާ ލިއުމަކީ އަމީންގެ ތައުލީމީ ހަޔާތާ ބެހޭ ގޮތުން ލިބެން ހުރި މައުލޫމާތުގެ މައްޗަށް ކުރައްވާފައި އޮތް ދިރާސާއެކެވެ.
އެ ލިޔުމުގައި ނަދުވީ ވަނީ އަމީން އެކި ސްކޫލްތަކަށް ވެދެ ވަޑައިގެންނެވި ތާރީޚުތަކާއި އެތަންތާގައި ހޭދަ ކުރެއްވި ދުވަސްވަރުގެ އިތުރުން އެދުވަސްވަރު ބައެތަންތަނުގެ ކިޔެވުން އޮތް ގޮތުގެ މައްޗަށް ވެސް ބައްލަވައިފަ އެވެ.
ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބައްލަވައި، ނަދުވީ ލިޔުއްވާފައިވާ ގޮތުގައި ސްރީ ލަންކާގެ ސެއިންޓް ޖޯސެފް ކޮލެޖަށް އެމަނިކުފާނު ވަދެވަޑައިގެންނެވީ މާޗް 25، 1921 ގައެވެ. އޭރު އަމީންގެ އުމުރުފުޅުން ވާނީ އެންމެ 11 އަހަރެވެ.
ސެއިންޓް ޖޯސެފް ކޮލެޖުން އެމަނިކުފާނަށް ވަދެ ވަޑައިގެންނެވުނީ އެއްވަނަ ކްލާހުގެ ޚާއްސަ ކްލާހަކަށް ކަމަށް ވެސް ނަދުވީގެ ލިޔުއްވުމުގައިވެ އެވެ. ސަބަބެއް ކަމުގައި އޮތީ އިނގިރޭސި ފެންވަރު ދަށްވުމެވެ. އެ ކޮލެޖުން އަމީން ވަކިވެވަޑައިގެންނެވި ތާރީޚެއް ކަމަށް އޮތީ މާޗް 15، 1926 އެވެ.
އެހެންކަމުން އެމަނިކުފާނު ސެއިންޓް ޖޯސެފް ކޮލެޖްގައި ކިޔަވާ ވިދާޅުވީ ފަސް އަހަރު ކަމަށް ބެލެވެ އެވެ. މި ފަސް އަހަރުގައި އެމަނިކުފާނު އެކޮލެޖުން ހާސިލް ކުރެއްވި ތައުލީމާ ބެހޭ ގޮތުން މާ ބޮޑު މައުލޫމާތެއް އެނގޭކަށް ނެތެވެ. ނަދުވީގެ ލިޔުއްވުމުގައި ވެސް އެކަމަށް މާބޮޑު އެއްޗެއް ވިދާޅުވެފައެއް ނެތެވެ. ސަބަބަކީ މައުލޫމާތު ނެތުމެވެ.
ނަމަވެސް އަމީންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީންއާ ހަވާލާދީ، ތާރީހު ދިރާސާކުރައްވާ އިޔާޒް ނަސީމް ވިދާޅުވީ ސިލޯނުން އެމަނިކުފާނަށް ދެ ފަހަރަށް ޑަބަލް ޕްރޮމޯޝަން ލިބިވަޑައިގެންނެވި އެވެ.
ނަދުވީގެ ލިޔުއްވުމުގައި އެންމެ ބޮޑު ސޯސްއަކަށް ބައްލަވާފައި އޮތް އަމީންގެ ބައޮގްރަފީގައި ވެސް އެކަމާ މެދު ވަކި އެއްޗެއް ވިދާޅުވެފައި ނެތީމަ އެވެ. އާންމު އުސޫލުން ކަންތައް ދިޔަ ކަމަށް ވާނަމަ އަމީން އެ ކޮލެޖުން ވަކިވެ ވަޑައިގެންނެވީ ފަސް ވަނަ ކްލާސް ނިންމަވާފަ އެވެ.
ސެއިންޓް ޖޯސެފުން ފަސް އަހަރު ކިޔަވާ ވިދާޅުވުމަށް ފަހު އަމީން ދެން ވަދެ ވަޑައިގެންނެވީ ސްރީ ލަންކާގެ ޕާނަދުރާގައި ހުރި ސެއިންޓް ޖޯންސް ކޮލެޖަށެވެ. އެ ސްކޫލުގައި އެމަނިކުފާނު ހޭދަ ކުރެއްވީ ގާތްގަނޑަކަށް ދެއަހަރު ދުވަހު އެވެ. އެ ދެ އަހަރު ދުވަހުގެ ތެރޭގައި ހަވަނަ ކުލާހާ ހަތް ވަނަ ކްލާސް ނިންމެވުމަކީ އެކަށިގެންވާ ކަމެކެވެ. އެއީ މެދު މަދަރުސީ ތައުލީމެވެ. ސެއިންޓް ޖޯންސް ކޮލެޖުން އެމަނިކުފާނު ވަކިވެ ވަޑައިގެންނެވީ އޮގަސްޓް 31، 1928 ގަ އެވެ.
ސްރީލަންކާގައި ގާތް ގަނޑަކަށް ހަތް އަހަރުގެ މުއްދަތަކަށް ކިޔަވާ މިދާޅުވާން އުޅުއްވުމަށް ފަހު އަމީން ދެން ވަޑައިގެންނެވީ އޭރު މި ހިސާބުގައި އެންމެ ފަޚުރުވެރި ތައުލީމީ އިދާރާ ކަމަށްވާ އިންޑިއާގެ އަލީގަޅު ޔުނިވަސިޓީއަށެވެ. އަލީގަޅު ޔުނިވާސިޓީއަށް އެމަނިކުފާނު ވެދެވަދައިގެންނެވި ތާރީޚެއް ސާފުކޮށް އެނގޭކަށް ނޯވެ އެވެ.
އެމަނިކުފާނުގެ އޮޓޯ ބަޔޮގްރަފީގައި ދެއްވާފައިހުރި މައުލޫމާތުން ސިލޯނުން އަލީގަޅަށް ދަތުރު ކުރެއްވި ގޮތުގެ ތާރީޚުތަކަށް ބައްލަވައި ނަދުވީ ބުރަވެ ވަޑައިގަންނަވާ ގޮތުގައި އަމީނަށް އަލީގަޅަށް ވަޑައިގެންނެވުނު ކަމަށް ވަނީ 1928 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ.
އަމީނުގެ އޮޓޯ ބަޔޮގްރަފީގައި އެމަނިކުފާނު އަލީގަޅު ޔުނިވާސިޓީން ތައުލީމު ހާސިލްކުރެއްވި މުއްދަތު ދެތަނެއްގައި ދެގޮތަކަށް ބަޔާން ކުރައްވާފައިވާ ކަމަށް ނަދުވީ ލިޔުއްވާފައިވެ އެވެ. އެގޮތުން އެ ފޮތުގެ 112 ވަނަ ސަފުހާގައި "އަހަރަކާއި އެތަކެއް މަސް ދުވަހު" އަލީގަޅުގައި އުޅުއްވި ކަމަށް ލިޔުއްވާފައިވާ ކަމަށް އޮތްއިރު ހަމަ އެފޮތުގެ އެހެން ދެތަނެއްގައި "ދިހަވަރަކަށް މަސް ދުވަހު" އަލީގަޅުން ކިޔަވާ ވިދާޅުވި ކަމަށް އޮތް ކަމަށްވެ އެވެ. އެކި ކަންކަންކަމަށް އަމީން ދެއްވާފައި ހުރި ތާރީޚުތަކުގެ މައްޗަށް ބުރަވެ ބަލައިލާއިރު އެމަނިކުފާނު އަލީގަޅުގައި އުޅުއްވި ކަމަށް ފެންނަނީ ގިނަވެން 18 މަސް ދުވަހު އެވެ. ނަމަވެސް އިޔާޒް ނަސީމް ވިދާޅުވީ އަމީނާ ވިދާޅުވާ ގޮތުން އަމީން އަލީގަޅުގައި 22 މަސް ދުވަހު ކިޔަވާ ވިދާޅުވާން ހުންނެވި އެވެ.
ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހުގެ ތެރޭގައި އަލީގަޅުން އަމީން ކިޔެވި ކިޔެވުމާ ބެހޭގޮތުން އެމަނިކުފާނުގެ އޮޓޯބަޔޮގްރަފީގައި ލިޔުއްވާފައިވާ ވާހަކަތަކުގެ މައްޗަށް ވެސް ނަދުވީ ވަނީ އަލި އަޅުވާ ލައްވާފަ އެވެ. ގޮތުން އަމީނު ވިދާޅުވެފައިވާ ކަމުގައި ވަނީ އެމަނިކުފާނު އަލީގަޅުގައި ހުންނެވި އަހަރަކާއި އެތައް މަސް ދުވަހުގެ ތެރޭގައި "މެޓްރިކިއުލޭޝަން" (މެޓްރިކް) ފާސް ނެންގެވި ކަމަށެވެ. އަދި އެއަށް ފަހު އިންޓަ ސައިންސް ކުލާހަށް ވަދެވަޑައިގެން އެ އިމްތިހާނުން ވެސް ފާސް ވެވަޑައިގެންނެވި ކަމަށް ލިޔުއްވަ އެވެ.
ނަދުވީ ވިދާޅުވާ ގޮތުން ނަމަ އަމީން ދީދީ އެ ވިދާޅުވާ މެޓްރިކިއުލޭޝަން އިމްތިހާނަކީ ދިހަ ވަނަ ކްލާސް ނިމުމުން ދޭ އިމްތިހާނެކެވެ. އެ އިމްތިހާނު ނިމުމުން ދޭ ސެޓްފިކެޓެވެ. އިންޓަ ސައިންސަކީ ބާރަ ވަނަ ކްލާސް ނިމުމުން ދޭ ސެޓްފިކެޓެވެ.
މި ހިސާބުން އަމީނުގެ މި ވާހަކަފުޅުތަކަށް ވަރަށް ބޮޑު ސުވާލު މާކެއް ނަދުވީ ޖައްސަވަ އެވެ. ސަބަބު ބަޔާންކޮށް ދެއްވަމުން ނަދުވީ ވަނީ އެ ދުވަސްވަރު އަލީގަޅު ޔުނިވާސިޓީގެ ކިޔެވުން އޮތް ގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވަނީ އެންމެ އަހަރަކާއި ހަމަހުގެ ތެރޭގައި ހައެއްކަ އަހަރުގެ ކިޔެވުން ނިންމެވުމަކީ ސުވާލު އުފެދޭ ކަމަކަށް ވާތީ އެވެ.
އަމީނުގެ އަމިއްލަ ލިޔުއްވުމުގައި އެމަނިކުފާނުގެ ތައުލީމީ ހަޔާތާ ބެހޭ ގޮތުން ދެއްވާފައިވާ ރިފަރެންސްތަކަށް ބަލާއިރު އަލީގަޅުން އެމަނިކުފާނު ކިޔަވާ ވިދާޅުވީ ބާރަވަނަ ކްލާހާ ހަމައަށެވެ. އާންމު އުސޫލެއްގެ ގޮތުން ފަސް އަހަރުން ކިޔެވޭ މިންވަރަށް އެމަނިކުފާނު ވަނީ ދެ އަހަރަށް ވުރެ ކުރު މުއްދަތެއްގައި ކިޔަވާ ވިދާޅުވެފަ އެވެ.
އެ ދެ އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ އަލީގަޅު ޔުނިވަސިޓީގެ ހައި ސްކޫލްގެ 12 ވަނަ ކްލާސް ނިންމަވައިފަ އެވެ. އެއީ މިހާރުގެ ގޮތުން ނަމަ އޭ ލެވެލް އެވެ. އެހެންކަމުން އަލީގަޅުން ކިޔަވާ ވިދާޅުވި ކަމަށް ވިޔަސް، ޔުނިވަސިޓީ ތައުލީމާ ހަމަޔަށް ވަޑައިނުގަންނަވައި އަމީން ވަޑައިގެންނެވީ ރާއްޖެއަށެވެ.
އޭލެވަލް. سبحان الله. ހާދަމޮޅޭ