އަރަބިއްޔާ ސްކޫލު ހިންގާ އިމާރާތައް ލިބުނު ގެއްލުންތަކާއި ގުޅިގެން އެސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް ރައީސް އޮފީހަށް ސިޓީ ހުށަހެޅި ނަމަވެސް އެއަށް ޖަވާބެއް ނުދޭ ކަމަށް ބެލެނިވެރިން ބުނެފި އެވެ.
އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ވަގުތީގޮތުން ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، އަރަބިއްޔާ ސްކޫލު ހިންގާ އިމާރާތުގައި ރެނދުލައި ބޮޑެތި ގެއްލުންތަކެއް ވެފައިވަނިކޮށެވެ. އެހެންނަމަވެސް މިފަދައިން ނިންމައި މިނިސްޓްރީން އިއުލާނުކުރީ ސްކޫލުގެ ކިޔެވުން އިއްޒުއްދީނަށް ބަދަލު ނުކުރުމަށް އެދި ބެލެނިވެރިން ސިޓީއެއް ފޮނުވިތާ ދެތިން ދުވަސް ފަހުން ކަމަށް ބެލެނިވެރިން ބުނެ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން އެ ސްކޫލުގެ ބައެއް ބެލެނިވެރިން ބުނީ އަރަބިއްޔާގެ ކުދިން ކިޔެވުމަށް ވަގުތީގޮތުން ވަކި ތަނެއް ހަމަޖައްސައިދިނުމަށް އެދި ސިޓީގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ބެލެނިވެރިން ބުނެ އެވެ.
އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ދަރިވަރުންގެ ބެލެނިވެރިން ވަނީ ސުލްހަވެރި މުޒާހަރާއެއް ވެސް ކޮށްފަ އެވެ.
މިގޮތުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިއްޒުއްދީން ސްކޫލުގައި ކިޔަވައިދިނުމަކީ އެންމެހާ ކަންކަމަށް ބުރޫ އަރާނެ ކަމެއް ކަން ފާހަގަކޮށް ސްކޫލް ޕީޓީއޭއިންނާއި ބެލެނިވެރިން ވަނީ އެ ކުދިންގެ އަރަބި އިސްލާމް މަންހަޖުގެ ތައުލީމަށް ހުރަސްއެޅިދާނެ ކަމަށާއި، އެޑިއުކޭޝަނުން ނިންމި އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.