ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިން ނޯޓިސް ޖެންޑާ މިނިސްޓްރީން ބާތިލްކޮށްފި އެވެ.

ހިޔާ 21 މުވައްޒަފަކަށް ދީފައިވާ ނޯޓިސްތައް ބާތިލް ކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އެ ނޯޓިސްތައް ބާތިލްކުރަން ޖެންޑާ މިނިސްޓްރީއަށް އެންގުމުނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ، އެ މުވައްޒަފުން ވަކިކުރުމުގެ މަރުހަލާ އިޖުރާއަތްތައް ޖެންޑާއިން އެންމެ ރަނގަޅަށް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ނޯޓިސް ދިނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެ މުވައްޒަފުން ވަކިކުރީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން މާ ގިނަ މުވައްޒަފުން ބޭނުން ނުވާތީކަމަށް ޖެންޑާ މިނިސްޓްރީން އޭރު ވަނީ ބުނެފަ އެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ 71 މުވައްޒަފަކަށް ނޯޓިސް ދީފައިވެ އެވެ. އޭގެ ފަހުން އެމީހުންނަށް ޖެންޑާ މިނިސްޓްރީގެ އެހެން ދިމަދިމާލުގައި ހުރި ފުރުސަތުތައް ބުނެދިނުމަށް ފަހު 43 މުވައްޒަފަކަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނޯޓިސް ދިނުމާ އެކު ހަތް މުވައްޒަފަކު އަމިއްލައަށް ވަޒީފާ ދޫކޮށްލާފައިވެ އެވެ.

ހިޔާގައި މަސައްކަތްކުރި 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ މައްސަލަތަކެއް ދާދިފަހުން ވެސް ވަނީ ފެންމަތިވެފަ އެވެ. މިފަދަ ބޮޑެތި މައްސަލަތައް ފެންމަތި ވަމުންދާއިރު ވެސް އެ މައްސަލަތައް ހައްލުކުރުމަށް ޖެންޑާ މިނިސްޓްރީއަށް އެކަށީގެންވާ ވަރަށް ފިޔަވަޅުތައް އަޅާފައި ނުވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޖެންޑާ މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ.