ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއަކީ ބާތިލު ދާއުވާއެއް ކަމަށާއި އެމައްސަލައިގައި ސްޕްރީމް ކޯޓާއި ހަމައަށްވެސް ދާން ނުޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ދެއްކި ވާހަކައަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައީސް ޔާމީނަށް ކުރި ދައުވާއަކީ ރުކުންތައް ފުރިހަމަ ނުވާ ދައުވާއެއްކަން ދައުވާގެ ޞީއާއިން ރަނގަޅަށް ސާފުވާ ކަމަށެވެ. އެފަދަ ބާތިލް ދައުވާއެއްގައި ގޮތް ކަނޑައެޅުމަށް ސްޕްރީމް ކޯޓާއި ހަމައަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ކުރީގެ އޭނާ ވިދާޅުވި އެވެ.

"ތިޔަ މައްސަލަޔަކީ ޙަޤީޤަތުގައި ސްޕްރީމް ކޯޓާއި ހަމަޔަށް ދާންޖެހޭ މައްސަލައެއް ވެސް ނޫން؛ މަނީ ލޯންޑަރިންގ ގެ ދަޢުވާގެ ރުކުންތައް ފުރިހަމަނުވާކަން ދަޢުވާގެ ޞީޢާއިން ރަނގަޅަށް އެނގޭ. އެފަދަ ބާޠިލް ދަޢުވާޔަކީ ޢާންމު އުޞޫލެއްގެ ގޮތުގައި މައުޟޫޢީގޮތުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫން،" ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެމްއެންޕީން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑަރިންގެ ކުށުން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ކަމާ ގުޅުންހުރި އިދާރާތަކުން ހެއްދެވި ޓެކްނިކަލް ގޯސްތަކުން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލުމުގައި، ތަހުގީގީ މަރުހަލާގައާއި ދައުވާކުރުމުގެ މަރުހަލާގައި ވެސް ރަނގަޅަށް މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. އެކަން ސުޕްރީމް ކޯޓުގެ ހުކުމް ކިޔާލުމުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.