ފާއިތުވި ދުވަސްތަކުގައި ގިނަ ނޫސްތަކެއްގައި ވިދާލީ ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ކެޓްރިނާ ކެއިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަތަކެވެ.

ކެޓްރީނާއާއި ވިކީ ކައިވެނިކުރީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ވިކީ އާއި ކެޓްރީނާ ވަނީ އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކައިވެނީގެ ހަފްލާގެ ފޮޓޯތައް މިހާރު އާންމުކޮށްފަ އެވެ.

ކައިވެންޏަށް ބައެއް ފަންނާނުން ނުދިޔަ ނަމަވެސް އެފަންނާނުންގެ ފަރާތުން މި ދެތަރިންނަށް ލިބިފައިވަނީ އެހާމެ އަގުބޮޑެތި ހަދިޔާތަކެކެވެ. އޭގެ ތެރެއިން ވެސް ކެޓްރީނާގެ ކުރީގެ ލޯބިވެރިން، އޭނާއަށް ދިނީ ކޮން ހަދިޔާއެއްތޯ ގިނަ ފޭނުން ބަލާލަން ބޭނުންވާނެ ކަމަކީ ޝައްކެއް ވެސް ނެތް ކަމެކެވެ.

މިގޮތުން އިންޑިޔާ ނޫސްތަކުން ބުނާގޮތުގައި ކެޓްރީނާގެ ކުރީގެ ލޯބިވެރިއެއް ކަމުގައިވާ ސަލްމާނު ހާން އެދެތަރިންނަށް ކައިވެނީގެ ހަދިޔާގެ ގޮތުގައި ދިނީ 3 ކްރޯރު ރުޕީސްގެ ރޭންޖް ރޯވާ ކާރެކެވެ. ހަމައެހެންމެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރް ވަނީ ކެޓްރީނާއަށް ކައިވެނީގެ ހަދިޔާގެ ގޮތުގައި 2.7 ކްރޯރު ރުޕީސްގެ ޑައިމަންޑް ހާރެއް ހަދިޔާކޮށްފަ އެވެ.

ދެ ފަންނާނުން މިހާރު ދަނީ ކައިވެނީގެ ރިސެޕްޝަން ބޭއްވުމުގެ ތައްޔާރީތައް ވަމުންނެވެ. މިގޮތުން ދެފަންނާނުންގެ ކައިވެންޏަށް ރާޖަސްތާނަށް ނާދެވުނު ގިނަ ތަރިން އެދެފަންނާނުންގެ ރިސެޕްޝަންގައި ބައިވެރިވާނެ އެވެ.