ކ. ދޫނިދޫގައި ބަންދުުގައި ތިބި މީހުންނަށް ސާފު ފެން ފޯރުކޮށް ނުދޭތީ އެޗްއާރުސީއެމުން ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އެޗްއާރުސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއް ބުނެފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު މިކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް)އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށްކުރި ފޮލޯއަޕް ޒިޔާރަތުގައި އެކަސްޓޯޑިއަލުގައި ބަންދުކޮށްފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަހުލީލުކުރުމުން މި ކަސްޓޯޑިއަލުގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް" (ބެކްޓީރިއާ) ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޗްއާރުސީއެމް އިން ބުނީ ދޫނިދޫގައި ބޭނުންކުރާ އެ ފެނަކީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއް ކަމަށެވެ. އަދި އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަން އިސްލާހުކުރަން ފުލުހުންނަށް އެންގި ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން ނަމަވެސް މިއަދު އެ ކޮމިޝަނުން ދޫނިދޫ ޖަލަށް ގޮސް ބެލިއިރު ވެސް، ފެން ފޯރުކޮށްދިނުމުގެ އިންތިޒާމް އިސްލާހު ކޮށްފައިނުވާ ކަމަށާއި އެކަން އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، ސާފު ބޯފެން އެތަނުން ފޯރުކޮށް ދިނުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ ބުނާގޮތުން އެ ކޮމިޝަންގެ އެންގުމަކަށް ތަބާނުވެއްޖެ ނަމަ، އެކަން ކުރި މީހެއްގެ އަދަބަކީ ތިން މަހަށް ގޭ ބަންދު ކުރެވޭނެ އެވެ. އަދި އެގޮތަށް އަމަލުކުރީ ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަ އެ މީހަކު މަގާމުން ވަކި ކުރެވޭނެ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލުގައި ސާފުކޮށް ނުލިބޭ ކަމަށް ބުނެ އެޗްއާރުސީއެމުން ފިޔަވަޅު އަޅަން ނިންމިއިރު، ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ޖަލުތަކުގައި ސާފުކޮށް ފޯރުކޮށް ދިނުމުގެ ނިޒާމެއް މިދިޔަ އަހަރު ވަނީ ގާއިމްކޮށްފަ އެވެ.