ގައިދީންނަށް ޖަލުގައި ލިބެމުންދާ އަނިޔާގެ ބަދަލުގައި މައާފެއް ދިނުމަށް 198 ގައިދީން ޕެޓިޝަނެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

އަންނަ އަހަރު މައާފު ދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ގައިދީންގެ ހައްގުތަކުން މަހުރޫމްކޮށްފައިވާކަމުގެ ޝަކުވާ މީގެ ކުރިން ރައީސަށާއި، ސަރުކާރުގެ އިސް ބޭފުޅުންނަށާއި، ޖަމިއްޔާތަކުގެ އިތުރުން މަޖިލީހުގެ ރައީސަށް ވެސް ހުށަހެޅިކަމަށް ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެހުރިހާ ކަމަކަށް ދިނީ ބީރު ކަންފަތެއް ކަމަށް އެޕެޓިޝަންގައި ބުނެފައިވެ އެވެ.

އެ ޕެޓިޝަންގައި ގައިދީން ވަނީ ދައުލަތުން ލާއިންސާނީ ހައްގު މާނަކުރަނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ. އަދި މީޑިއާއިން މައުލޫމާތު އޮޅޭ ގޮތްގޮތަށް ހަބަރުތައް ގެނެސްދޭ ކަމަށް ވެސް ގައިދީން ތުހުމަތުކޮށްފައިވެ އެވެ.

ގައިދީން ވަނީ އެޗްއާރްސީއެމުން ވެސް ގައިދީން، ހައްގުތަކުން މަހުރޫމްކޮށް ހުކުމް ތަންފީޒުކުރަމުން ގެންދާކަން ފާހަގަކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ގައިދީން ވަނީ އެމީހުން އަސާސީ ހައްގުތަކުން މަހްރޫމް ކުރުން، ސިއްހީ ފަރުވާގެ ހާލަތު ދައްވުން، ކޮމިޝަނަރު ޒިންމާ އަދާ ނުކުރެއްވުން، ބާތިލްވެފައިވާ ގާނޫނުތަކުން ހުކުމް ތަންފީޒުކުރުން، މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދިނުން، ފަދަ ކަންކަން ހައްލުކުރުމަށް ގައިދީން ވަނީ ގޮވާލާފަ އެވެ.