މޮގަދިޝު (25 ޑިސެމްބަރު) - ސޯމާލިއާގެ ސަރުކާރަށް ތާއީދުކުރާ އެގައުމުގެ އަސްކަރިއްޔާގެ ފެކްޝަންއަކާއި ސަރުކާރާ ދެކޮޅު ފެކްޝަންއަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އިތުރުވެ ވިޔަފާރި ވެރިރަށް ބޮސާސޯގެ ގިނަ ރައްޔިތުންތަކެއް އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރު ވެއްޖެ އެވެ.

އެގައުމުގެ އިރު އުތުރުގެ ޕަންޓްލެންޑްގެ ބޮސާސޯގައި ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސްފައިވާއިރު އެކަމުގެ ސަބަބުން ގިނަ އުމްރާނީ ގެއްލުންތަކެއް ވެސް އެ ސަރަހައްދަށް ވަނީ ލިބިފަ އެވެ.

"ހާހެއްހާ މީހުން މިހާރު ވެސް އެ ސަރަހައްދު ދޫކޮށް ގޮސްފި. ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ އާއިލާ އެއީ،" އެ ސަރަހައްދުގެ އޮފިޝަލެއް ކަމަށްވާ އަބްދުރިޒާކް މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު އިތުރަށް ވިދާޅުވީ ގިނަ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދާންފެށީ ހަމަނުޖެހުންތަކުގައި ދެފަރާތުން ބަޑީގެ ހަމަލާތައް ބަދަލު ކުރަން ފެށި ހިސާބުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން (އޯސީއެޗްއޭ)ން ވެސް ވަނީ ސޯމާލިއާގެ ރައްޔިތުން އެގައުމުގެ ފަސްގަނޑުގައި ހާލުގައި ޖެހެމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ބޮސާސޯގައި ހަމަނުޖެހުންތައް ކުރިއަށް ދާއިރު އެ އަވަށުގެ އާބާދީގެ ދެބައިކުޅަ އެއްބައި ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައި" އޯސީއެޗްއޭއިން ސޯމާލިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް އަބްދުލްމައުލާ ވިދާޅުވި އެވެ.

ބޮސާސޯއަކީ ސޯމާލިއާގެ ވިޔަފާރި މައި މަރުކަޒު ކަމުގައި ބެލެވޭ އެގައުމުގެ މައި އެއް އަވަށެވެ. -- އަލް އަރަބިއްޔާ